ރާއްޖޭގެ މެރިން ސާވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސްގެ އުޅަނދުތަކުގައި ދަތުރުކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ޖަލްބޫޓްއާ އެކު ޕާޓްނާޝިޕެއް އެކުލަވާލައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުރީދޫ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާޝިޕް އިއުލާންކުރައްވައި، އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީއެވެ. ޖަލްބޫޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރޮއެސްޓާލީއެވެ.
އުރީދޫން ބުނީ މި ޕާޓްނާޝިޕް އެކުލަވާލާފައިވަނީ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކަސްޓަމަރުން މުވާސަލާތީ ހިދުމަތްތައް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދީ ޓޫރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ މަގުސަދުގައި ކަމަށެވެ.
"މި ޑިޖިޓަލް ޒަމާނުގައި އިތުބާރު ހުރި ޓެލެކޮމް އަދި އިންޓަނެޓްގެ ހިދުމަތް ލިބުމަކީ ވަރަށް މުހިންމު ކަމެއް. އަދި ޖަލްބޫޓް މޯލްޑިވްސްއާ އެކު މި ސްޓްރެޓީޖިކް ޕާޓްނަޝިޕްގެ ދަށުން، އަޅުގަނޑުމެންގެ އަމާޒަކީ ފަތުރުވެރިންނަށް ސީދާ ބޯޓުތަކުން ސިމް ކާޑު ބައްލަވައިގަތުމުގެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން،" ހާލިދު އަލްހަމާދީ ވިދާޅުވިއެވެ.
އުރީދޫ އާއި ޖަލްބޫޓަކީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެއް މިސްރާބަކަށް މަސައްކަތްކުރާ ދެ ކުންފުނިކަން ފާހަގަކުރައްވައި މުހައްމަދު ރޮއެސްޓާލީ ވިދާޅުވީ މި ޕާޓްނާޝިޕާއެކު ޓޫރިސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ޖަލްބޫޓް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއްވެސް ކައުންޓަރަކަށް ނުވަތަ ފިހާރައަކަށް ދިއުމުގެ އުނދަގުލެއް ނެތި ސީދާ ބޯޓުތަކުން އުރީދޫގެ ޓުއަރިސްޓް ސިމް ކާޑު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
ޖަލްބޫޓަކީ ފެންވަރު ރަނގަޅު، ފުރިހަމަ އިންޓަގްރޭޓެޑް މެރިން ސޮލިއުޝަންތައް ކަމަށްވާ ވޯޓާ ޓްރާންސްޕޯޓް، މެރީނާ މެނޭޖްމަންޓް، ކަސްޓަމް ބޯޓުތައް ޑިޒައިންކޮށް އުފެއްދުމާއި ވޯޓާ ސްޕޯޓްސް އަދި ލަގްޒަރީ ޗާޓަރު ދަތުރުތައް ކުރުން ފަދަ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެކެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާ އިރު، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މި ދާއިރާއަށް އެއްބާރުލުންދީ، ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތުގައި އާއިލާ އާއި ރައްޓެހިންނާ ގުޅުވާލަދީ، އީޖާދީ ހިދުމަތްތަކާ އެކު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ފުރިހަމަކަމާއި ކުރިއެރުން ހޯދައިދިނުމުގައި ދެމިތިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު