ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރަސްމީ ދަތުރުފުޅެއްގައި ބަހުރެއިނަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހަތަރު ދުވަހުގެ މުއްދަތަށް ރައީސް ބަހުރެއިނަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސްގެ ދެކަނބަލުން ބަހުރެއިން އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބަހުރެއިން ޑިފެންސް ފޯސްގެ ފަރާތުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި އޮނާ ގާޑެއް އަރުވައިފައެވެ.

ރައީސްގެ ދެކަނބަލުންނަށާއި ސަރުކާރުގެ މަތީފަންތީގެ ވަފުދުގެ ބޭފުޅުންނަށް ބަހުރެއިން އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ އެގައުމުގެ ފޮރިން އެފެއާޒް މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ އާއި ބަހުރެއިންގެ ޝާހީ އާއިލާގެ މެމްބަރެއްކަމުގައިވާ އަދި ސުޕްރީމް ކައުންސިލް ފޯ ވިމެންގެ ބޯޑު މެމްބަރު ޝެއިހާ ހެސާ ބިންތު ހަލީފާ އަލް ހަލީފާއެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން، ބަހުރެއިންގެ ދައުލަތުގެ ބައެއް އިއްޒަތްތެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ރަސްމީގޮތުން މަޝްވަރާކުރެއްވުމަށާއި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތައް ބަދަލުކުރުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.