އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި އިންދާފައި ހުރި ގަސްތައް، ނަގާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން، އެ މައްސަލަ ކޯޓަށް ހުށަހެޅި ޝުނާން އެންޑް ކޯއިން ވަނީ އެކަން ކަަށަވަރުކޮށްދީފައެވެ.

އެެ މައްސަލައިގެ އަޑުއެހުމަށް ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި ވަޑައިގަންނަވާ، މަރުޔަސް ޝުނާނާއަށް ވަނީ މާދާމާގެ އަޑުއެހުމަށް ޗިޓް ފޮނުވައިފައެވެ.

އެޗިޓްގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ ފަރާތްޕުޅުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިން އެންޑް އިންފްރާންސްތްރަކްޗާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުން މާދަމާ 2:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތުން ވިދާޅުވެފައިވަނީ ތިމާވެށި ހިމާޔަތް ކުރުމާއި ރަނގަޅު ތިމާވެށީގެ ވެއްޓެއް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީން ދިވެހި ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

އަމީނީ މަގުގެ މަސައްކަތްކުރުމަށް ގަސްތައް ނުނަގައި ނުވާނެ ކަމަށް ދައުވާ ލިބޭ ފަރާތުން ބުންޏަސް، ގަސްތައް ނުނަގައި މަސައްކަތް ކުރިއަށް ގެންދެވޭތޯ ދައުވާ ލިބޭ ފަރާތްތަކުން ބަލާފައި ނުވާ ކަމަށް ނަޝީދުގެ ފަރާތުން ވަނީ ފާހަގަކުރައްވައިފައެވެ. އަދި ވިދާޅުވީ އެ ގަސްތައް ކެނޑުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުނަށާއި ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ވެސް ދައުވާ ލިބޭ ފަރާތްތަކުން ބަލާފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގައި ތާރުގެ ބަދަލުގައި ގާ އެޅުމަށް ލަފާދީފައިވަނީ އެ މަގުގައި ހުރި ގަސްތައް ހިމާޔަތްކުރަން ކަމަށް ދައުވާގައި ނަޝީދު ވަނީ ވިދާޅުވެފައެވެ. އަމީނީ މަގުގައި ހުރި ބިޔަބޮޑުތި ގަސްތައް ނެގުމުގެ ސަބަބުން އެ މަގުގައި އިތުރަށް ފެންބޮޑުވާނެ ކަމަށާއި އަދި އެކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތަށް ގެއްލުންވާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

މަގުގެ މަސައްކަތަށް ނަގަމުންދާ ގަސްތަކުގެ ބަދަލުގައި އާ ގަސްތައް އިންދި ނަމަވެސް، އެ ގަސްތައް ހެދިބޮޑުވުމަށް ގިނަ އަހަރުތަކެއްވާނެ ކަމަށްވުމުން މިހާރު ހުރި ގަސްތަކުގެ ސަބަބުން ތިމާވެއްޓަށާއި މީހުންނަށް ވަމުން އަންނަ ފައިދާ އަވަސް މުސްތަގުބަލެއްގައި ނުވާނެ ކަމަށް އީއައިއޭގައި ބަޔާންކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާއިން ބައެއް ވައްތަރުގެ ގަސް އިމްޕޯޓުކުރުމަށް ނިންމާފައިވާ އިރު، އެކަމުގެ ސަބަބުން އާ ސްޕީޝީސްއެއް ފެތުރި، މުޅި އިކޯސިސްޓަމް ހަލާކުވުމުގެ ފުރުސަތު އެބައޮތް ކަމަށް އީއައިއޭގައި ބަޔާންކޮށްފައިވާ ކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އަމީނީ މަގުން ގަސް ނެގުމުގެ މަސައްކަތް ކުރަމުންދަނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނު، ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" އާއި ގާނޫނު އަސާސީގެ 23 ވަނަ މާއްދާ (ދިރިއުޅޭނެ ސާފު އަދި ސިއްހަތު ރަނގަޅު މާހައުލެއް ރައްޔިތުންނަށް ހޯދާނެ މަގު ތަނަވަސްކުރުމަކީ ދައުލަތުގެ ޒިންމާއެއްކަން ބަޔާންކޮށްފައިވާ މާއްދާ އަދި ރައްޔިތުން ކްލައިމެޓް އެމެޖެންސީ ޑިކްލަރޭޝަން ގާނޫނާއި ޕެރިސް އެގްރީމެންޓާ ހިލާފަށް ކުރިއަށްގެންދާ މަޝްރޫއަކަށްވުމުން އެކަން ހުއްޓުވައިދިނުމަށް އެދޭ ކަމަށް ނަޝީދުގެ ދައުވާގައި ވިދާޅުވިއެވެ.