ކެސިނޯ ހަދަން ތާއީދު ނުކުރައްވާ ކަމަށާއި، ރާއްޖޭގައި ކެސިނޯ ހިންގުމާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ދެއްކެވި ވާހަކައިން އޮޅުން އަރާފައިވާތީ މައާފަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިކަމަށް މައާފަށް އެދިވަޑައިގެންފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ، ކެސިނޯ ހަދަން ތާއީދު ނުކުރައްވާ ކަމަށާއި، އެކަމަށް ވަކާލާތުވެސް ނުކުރައްވާ ކަމަށެވެ. އެކަމަށް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑަކީ ކެސިނޯ އަޅަން ތާއީދު ކުރާމީހެއް ނޫން އަދި އެކަމަށް ވަކާލާތުކުރާ މީހެއްވެސްނޫން. އަދި އެކަމަށް ޝައުގުވެރިކަމެއް ހުރި މީހެއްވެސް ނޫން. އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއްވެސް ނެތް، އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށް އެދި އެކަން ޔަގީންކޮށްދެން،" މިނިސްޓަރު މައުހޫލް ވިދާޅުވެފައިވެއެވެ.
ބައެއް މިނިސްޓަރުންނާ އާއްމުކޮށް ކުރައްވާ ސުވާލެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި، ޖާބިރު ވަނީ ރާއްޖޭގައި ކެސިނޯ ހަދަން ހުއްދަ ނުދެނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ރާއްޖޭގައި ކެސިނޯގެ ވާހަކަ ދެއްކެން ވެސް ނޯންނަ ކަމަށާއި އެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށެވެ.
"ހަމަ ހަގީގަތަށް މިދެންނެވީ އިނގޭތޯ، އެ ނަން ކިޔަސް ގޯސްވާ ހިސާބުގަ، އޮންނަނީ، އެހެންވީމާ އުޅެން ޖެހެނީ އެންމެން ބޮޑު ބިރުވެރިކަމެއްގަ. މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް، އެއީ އޮންނަ ކަމެއް ކަމަކަށް ނުވޭ. އެކަމަކު އިއްޒަތްތެރި މެންބަރުގެ ވާހަކަފުޅުގައި، ކުރީ ދުވަހުވެސް ވިދާޅުވިހެން، ބަރާބަރަށް ރާ ވިއްކާ، އެހެން ހުރިހާ ސަކަރާތެއް ވެސް އެތަންތާގައި ޖަހާ،" މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު އިއްޔެ ވިދާޅުވީ، ހުރިހާ ކަމަކާ ބެހޭގޮތުން ވެސް ވާހަކަ ދެއްކެން ޖެހޭ ކަމަށާއި މަޝްވަރާކޮށްގެން ގޮތްތައް ހޯދެން ޖެހޭނެ ކަމަށެވެ.
"އެކަހަލަ ހުރިހާ ކަމެއް. ހަމަ ޔޯގާއާ ތި ހުރިހާ އެއްޗެއްގަ. އަޅުގަނޑު ގަބޫލުކުރަނީ ހަމަ ހަގީގަތުގަ ވެސް އަަޅުގަނޑުމެންގެ މުޖުތަމައުގަ މިހެން ހުރި ހުރިހާ ކަމަކީ މަޝްވަރާކޮށްގެން ގޮތްތައް ހޯދަން ޖެހޭ ކަންތައްތައް، އެ ވާހަކަ ދެއްކެން އެބަޖެހޭ،"
މަހްލޫފްގެ އެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު