ޔޫއޭއީގެ އެންމެ އަގުހެޔޮ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ވިޒް އެއާއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފިއެވެ.
ވިޒް އެއާގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރެވެ. ސަގާފީ ހަރަކާތްތަކާ އެކު ވީއައިއޭ އިން ވަނީ ފްލައިޓުން ދަތުރުކުރި ފަރާތްތަކަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ވިޒްއެއާގެ ދަތުރުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ބާއްވާއިރު، ދަތުރުތަކުގެ އަގު ފެށޭނީ ކޮޅަކަށް 97 ޑޮލަރުން (1،495 ރުފިޔާ) އިން ކަމަށް އެ އެއާލައިން އިން ބުންޏެވެ.
ވިޒްއެއާގެ ދަތުރުތަޢް ރާއްޖެއަށް ފެށުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ވީއައިއޭގައި ބޭއްވި އިރު، އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވިޒްއެއާގެ ފުރަތަމަ ފްލައިޓުން ދަތުރުކުރި ފަރާތްތަކަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއު އާއި އެކުންފުނީގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ ވިޒްއެއާގެ ދަތުރުތައް ފެށިގެން ދިއުމަކީ ޓޫރިޒަމަށް އެޅުނު ރަނގަޅު ފާލެއް ކަމަށާއި މި އެއާލައިނުގެ ދަތުރުތަކުގެ ސަބަބުން ޓިކެޓު އަގުބޮޑުވުމުގެ ސަބަބުން ރާއްޖެއަށް އޮންނަ ޑިމާންޑަށް އަންނަ ލޮޅުން ކުޑަކުރެވޭނެ ކަމަށެވެ.
"ވިޒް އެއާގެ ދަތުރުތައް މި ފެށުނީ ވައިގެ ދަތުރުފަތުރުގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާ ދަނޑިވަޅެއްގައި. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރި އަނެއް 50 ގުނަންފެށި ފުރަތަމަ ދުވަހު އަލަށް ރާއްޖެއަށް އެއާލައިނެއް އޮޕަރޭޓްކުރަން ފެށުމަކީ ރަނގަޅު ފާލެއް،" މައުސޫމް ވިދާޅުވިއެވެ.
ވިޒް އެއާ އަބޫ ދާބީގެ މެނޭޖިން ޑިރެކްޓަރު މައިކަލް ބާލުއިސް ވިދާޅުވީ ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފުޅާކުރެވިގެން ދިޔުމަކީ އުފާކުރައްވާ ކަމެއް ކަމަށާއި މިއީ ގިނަ ބަޔަކަށް ދަތުރުކުރުމަށް އިތުރު އޮޕްޝަންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މައިކަލް ވިދާޅުވިއެވެ.
މިދިޔަ އަހަރު ޖެނުއަރީ މަހު އޮޕަރޭޓް ކުރަން ފެށި ވިޒްއެއާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް 321 ނިއޯ އެއާކްރާފްޓެވެ. މިއީ ތެލުގެ ހަރަދު ކުޑަ އަދި ތިމާވެއްޓާ ރައްޓެހި އެއާކްރާފްޓެކެވެ.
ވިޒްއެއާގެ ޓިކެޓް ބުކް ކުރުމަށް ވިޒް އެއާގެ އެޕްލިކޭޝަން ނުވަތަ ވިޒްއެއާގެ ވެބްސައިޓް ބޭނުން ކުރެވޭނެއެވެ. ޓިކެޓް ބުކްކުރާ އިރު، ވިޒް އެއާއިން ތައާރަފުކުރި "ވިޒް ފްލެކްސް" ބޭނުންކުރުމުން، އެންމެ ލަސްވެގެން ފުރުމުގެ ތިން ގަޑިއިރު ކުރިން ދަތުރު ކެންސަލް ކުރިއަސް ފުލް ރިފަންޑު ލިބޭނެ ކަމަށް އެ އެއާލައިންއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު