ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިދިއުމުގެ އަސްލަކީ ދިވެހިންގެ މެހެމާންދާރީކަމަށާއި ދިވެހިންގެ ތޮބީއީ މެހެމާންދާރީ ކޮޕީ ނުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
"ވަން" އަށް ދެއްވި އިންޓަވިޔުއެއްގައި އިއްޔެ މިނިސްޓަރު މައުސޫމް ވިދާޅުވީ، މެހެމާންދާރީ ދޭން ދިވެހިން ނުތިބޭނެ ވަގުތަކީ، ފަތުރުވެރިންނަށް ދޭ މެހެމާންދާރީއަށް ބުރޫ އަރާނެ ވަގުތު ކަމަށެވެ. އެހެންވެ، އަގުބޮޑު ރިސޯޓުތަކުގައި ފަތުރުވެރިންނަށް ކުރިމަތިލާން ޖެހޭ ވަޒީފާތަކުގައި ބޮޑެތި މުސާރަ ދީފައި މިހާރުވެސް ބައިތިއްބަނީ ދިވެހިން ކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރިސޯޓުތަކުގައި އުޅޭ ބިދޭސީ މީހުންނަށް ދިވެހިވަންތަ މެހެމާންދާރީ އަދާކުރަން އަބަދުވެސް ދަސްކޮށްދޭކަމަށެވެ. ނަމަވެސް، އެމީހުންނަށްވެސް ދިވެހިން އަދާކުރާ ފެންވަރަށް މެހެމާންދާރީ އަދާނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"އެއީ އިންބޯން އެއްޗެއް. އެއީ ތޮބީއީ ކަމެއް. ނެޗުރަލްކަމެއް އެއީ ދިވެހިންގެ ތެރޭގައި އޮންނަ ކަމެއް. އެކަމެއް ދަސްކޮށެއް ނުދެވޭނެ. އެހެން ނަމަވެސް ޓްރެއިން ކޮށްގެން އެއާ ގާތް ކުރެވިދާނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވެރީންނަށް ދިވެހިން ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ދިވެހިން ނުލިބޭ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ އުފެދިފައި އޮތް ގޮތުން ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުސަތު އޮތް ގައުމެއް ކަމަށާއި ރާއްޖޭގެ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަކީ ކާމިޔާބު ކޮންސެޕްޓެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު