ޑެންގޫ ބަލީގައި ކުޑަ ކުއްޖަކު މިއަދު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ރ. ކަނދޮޅުދޫ، ސާދީވިލާ އުމުރުން 8 އަހަރުގެ އާމިނަތު ހަޔާ ހުސައިން އެވެ.

މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް "ވަން" އަށް މިއަދު ވިދާޅުވީ ޑެންގޫ ޖެހިގެން ރ. އަތޮޅުން އިތުރުފަރުވާއަށް ގެނައި ކުޑަކުއްޖަކު މިއަދު މަރުވެފައިވާ ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ އެކުއްޖާ އައިޖީއެމްއެޗަށް ގެނައި އިރުވެސް ވަރަށް ހާލު ސީރިއަސް ކަމަށާއި ހުރިހާ ތަނަކުން ލޭ އަންނަ ކަމަށެވެ. އަދި ކުއްޖާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް ވިދާޅުވިއެވެ.

ޑެންގޫ ފެތުރޭ މިންވަރު މި ދޭތެރެއިން ވަރަށް ބޮޑަށް އިތުރުވިއެވެ. މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި މި ބަލި ޖެހޭ ކުޑަކުދިންގެ އަދަދު އިތުރުވާކަން ޑރ. ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. ފައިސަލް ވިދާޅުވީ ހާލު ސީރިއަސްވެފައިވާ ކުއްޖަކު މިވަގުތު ނެތް ކަމުގައި ވީނަމަވެސް މި ބަލިޖެހިގެން ބައެއް ކުދިންނަށް މިހާރުވެސް ފަރުވާދެމުން އަންނަ ކަމަށެވެ.

ބަލީގެ ނުރައްކާ ބޮޑުވަނީ ގަދަޔަށް ހުން އައުމަށްފަހު ހުން މަޑުވާ ދުވަސްކޮޅުއެވެ. އެގޮތުން މާބޮޑަށް ވަރުދެރަވެ، ބްލަޑް ޕްރެޝަރު ދަށްވެ ކުއްޖާ ޝޮކަށް ދާ ކަމަށެވެ. އެހެންކަމުން ހުން މަޑުވާ ދުވަސްކޮޅު ކުދީންނަށް ހާއްސަ ސަމާލުކަމެއްދީގެން ބެލުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޑެންގޫ އަކީ މަދިރިން ޖެހޭ ބައްޔެކެވެ.