ލައިފް ސްޓައިލް

ބައިވެރިޔާ ހީކުރަނީ ތިބާ އަދިވެސް ލޯބިވަނީ "އެކްސް" ދެކެ ކަމަށްތަ؟

އާންމުކޮށް ދިމާވާ މައްސަލައެކެވެ. ކުރިން ލޯބީގެ ގޮތުން ގުޅިގެން ނުވަތަ އިނދެގެން އުޅުނު މީހާގެ ވާހަކަ މިހާރުގެ ލޯބިވެރިޔާ ނުވަތަ ފިއާންސޭ ނުވަތަ ކައިވެނިކޮށްގެން އުޅޭ ހަޔާތުގެ ބައިވެރިޔާ ގާތު ދެއްކޭ ގޮތް ވުމަކީ ނޭނގި ކުރެވޭ ވަރަށް ގޯސް، އެހާމެ ނުބައި އަސަރުކުރުވާ ކަމެކެވެ. އެއީ ގަސްތުގައި ނޫނަސް ކުރީގެ މީހާގެ މަތިން ހަނދާން ކޮށްދޭ ކަންތައްތަކަކަށް ވެދާނެކަން އެނގޭހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ކުރީގެ ބައިވެރިޔާ ދޫކޮށް ތިބާ ގާތަށް އަންނާނީ އަދި އެކުގައި ހަޔާތުގެ ވަގުތުތައް ހިއްސާކޮށް ތިބާއަށް އަޅާލައި އޯގާތެރިވެ، ދިރިއުޅުން ހިއްސާކުރާނީ ހަޔާތުގެ އެބާބު ބަންދުކޮށް އާބާބެއް ހުޅުވައިގެންތާއެވެ. އޭނާއަށް އެމީހާ މުހިންމުކަމަށް ވާނަމަ ތިބާއާއެކުގައި ހުރިހާ ވަގުތެއް ހިއްސާކޮށް ހޭދަނުކުރާނެ ނޫންހެއްޔެވެ. ގިނަފަހަރު މިގޮތަށް ކަންތައް ކުރެވެނީ ހިތުގައި ޝައްކު އުފެދިފައި އޮންނާތީއެވެ.

"އަސްލު ވާގޮތަކީ ނޭނގި ނަމަވެސް އަމިއްލައަށް ކުރީގެ ބައިވެރިޔާއާއި އަމިއްލަ ނަފުސާ އަޅައި ކިޔެނީ. އޭނާ ތިމާއަށްވުރެ ކުރީގެ ބައިވެރިޔާއާއެކުގައި ހޭދަކޮށްފައިވާ ވަގުތުތަކުގެ ވާހަކަ ދައްކާއިރު ތަފާތު އަސަރެއް ހުންނަހެން ހީވަނީ. މިކަހަލަ މައްސަލަތަކުގަ ހަޔާތުގެ ބައިވެރިޔާ މާޔޫސްވެގެން ގޮތްހުސްވާވަރަށް ޝަކުވާ ކުރެވިފަ ހުރޭ. ވަރަށް ގިނަ ފަހަރު ދެމީހުން ވަކިވާން ޖެހޭ އަދި އަނެއްބައިފަހަރު ކުރީގެ ބައިވެރިޔާ ގާތަށް މިހާރުގެ ހަޔާތުގެ ބައިވެރިޔާ ތާއަބަދު އޭނާގެ ވާހަކަ ދެއްކުމުގެ ސަބަބުން އެހަނދާން އާވެގެން އެނބުރި އައިކޮޅަށް ދާން ޖެހޭ ފަހަރުވެސް އާދޭ. މިއީ ވަރަށް ބޮޑަށް ދިރިއުޅުމަށް އަސަރުކުރާ ދިރިއުޅުން ހަލާކުކޮށްލާ ކަމެއް."

ފެމިލީކައުންސެލަރަކު ކިޔައިދިން ގޮތުގައި ހަޔާތުގެ ބައިވެރިޔާއަށް ތިމާ ނޫން އެހެންމީހެއްގެ ވާހަކަ، ދިމާކުރުމުގެ ނިޔަތުގައި ނޫނަސް މަޖާކޮށްލުމަކަށް ސަމާސާއަކަށް ހަދާފައިވެސް ދެއްކުމަކީ ނުރައްކާތެރި ކަމެކެވެ.

"މިސާލަކަށް އަނބިމީހާގާތު ފިރިމީހާ 'އެކްސް ކަންތައް ކުރާގޮތް މިސްވީތަ؟އަސްލު އެކްސްމަތިން ހަނދާންވެއެއްނު؟' ނުވަތަ ފިރިމީހާއާ ދިމާއަށް އަނބިމީހާ،'އެކްސް އަށްވުރެ އަހަރެން ރީތިނުވީމަދޯ، އޭނައާއެކުގަ އުޅުނުއިރު މާއުފާވެރިދޯ. އަސްލު އޭނަ މާރީތިވެފަ އޭނާދެކެ މާ ލޯބިވެއެއްނު.' މިކަހަލަ ގޮތަކަށް ބަސްތައް ބުނުމަކީ އަނެކާގެ ހިތުގަ ހުޅުރޯކުރުން ކަހަލަ ކަމެއް."

ކައުންސެލަރު ބުނިގޮތުގައި، އޭނާގެ ކެރިއަރުގައި މިފަދަ ގިނަ މައްސަލަތަކެއް އައިސްފައިވެއެވެ. ވަރަށް ގިނަފަހަރު ދެމީހުން ވަކިވެ، ކުރީގެ ބައިވެރިޔާ ގާތަށް އެނބުރި ގޮސްފައިވާކަމަށްވެސް އޭނާ ކިޔައިދިނެވެ. އެހެންވާން ޖެހެނީ އޭނާގެ ހިތާއި ސިކުނޑިއަށް އެއްވާހަކައެއް އިވުމުގެ ސަބަބުން ހަގީގަތުގައިވެސް އެގޮތަށް ސިކުނޑި ގަބޫލުކުރަން ފެށުމެވެ.

ކޮންމެމީހަކުވެސް ދެވަނަ ގުޅުމެއް ފަށާނީ މާޒީގެ ހަނދާންތަކުން ދުރަށް ދިއުމަށް އާފެށުމަކުން ފެށުމަށެވެ. އެގޮތަށް ހަލާކުވެފައިވާ ދިރިއުޅުމެއް އާބާދުކުރުމަށް އާ އުއްމީދުތަކަކާއެކު އާ ބައިވެރިއެއްގެ އެހީތެރިކަމާއެކު ކުރީގެ ހިތްދަތިކަމުން އަރައިގަނެ ހަމަޖެހުމަށް ފަށާ ދަތުރުގައި ކުރީގެ ވާހަކަ އާކޮށްފައި ދެއްކުމަކީ އޭނާގެ ޒަހަމްތަކުގައި ލޮނުމިރުސްލުން ކަހަލަ ކަމެއް ނޫންހެއްޔެވެ. އެހިސާބުން ނައްތާލަން އުޅުނު ހަނދާންތައް އާވޭއާވޭ އޭނާގެ ހިތްވެސް އައިކޮޅަށް އެނބުރިދިއުމަށް މަސައްކަތް ކުރަން ފަށާނެއެވެ. މިއީ އިންސާނަކަށްވީތީ ފިތުރަތުގައި ލައްވާފައިވާ ކަންކަމެވެ.

އެހެންކަމުން ވަހުމާއި ޝައްކުފަދަ ނުރައްކާތެރި ބަލިތަކުން ތިމާގެ ހިތާއިސިކުނޑި ރައްކާތެރިކުރާށެވެ. ގުޅުމެއް ބިނާކުރެވޭނީ ތެދުވެރިކަމުގެ ބިންގަލެއްގެ މަތީގައި އިތުބާރުގެ ހިފެހެއްޓުމުން، އޯގާތެރިކަމާއި ދެނެގަތުމުގެ ފުރާޅެއްގައި، ޔަގީންކަމުގެ ފާރެއް ރޭނިގެން ހިއްސާކުރުމުގެ ކުލަލެވިގެންނެވެ. މިސިފަތަކުން އިމާރާތްކުރެވިގެންދާ ގުޅުމެއް ފުނޑުކޮށްލެވޭނެ، ވަކިކޮށްލުމުގެ ތޫފާނެއް ނާންނާނެއެވެ. ސަބަބަކީ ވަކިކޮށްލުމުގެ ތޫފާނާއި ބިންހެލުމުގައިވެސް އެއިމާރާތުގައި އެހެރަ ގަދަފަދަ ބާރުތަކެއް ނައްތާނުލެވޭނެތީއެވެ. ވީމާ ޝައްކާއި ވަހުމަށް ތަންދޭހާ، ގުޅުން ދޯދިޔާ ނުކުރާށެވެ. ދިމާކުރުމާއި އަޅައިކިޔުންފަދަ ނުބައި ސުންޕާކަންތައްތަކުން ގުޅުންތައް ސަލާމަތްކުރާށެވެ.

ލޯތްބަކީ ދީގެން ލިބޭ އެއްޗެކެވެ. ދީގެން ލިބިގަތުމުން، ލިބިގަތުމާއި ދިނުމުން، ހިއްސާ ކުރުމުން ބިނާކުރެވޭ ދިރިއުޅުމެއްގައި ހަގީގީ ލޯބި އާވެއާލާވާނީ ނެތިފަނާ ނުވާފަދައަކުންނެވެ. މިއީ ރީތި ނަލަ ދިރިއުޅުންތަކުގެ އަސްލެވެ. މައްސަލަ ނުޖެހެނީއެއް ނޫނެވެ. އެކަމަކު މައްސަލަ ހައްލު ކުރުމުގައި އެކަކު އަނެކަކަށް ދޫދީގެން، އަޑުއަހައިގެން ވަގުތުދީގެން، ކެތްތެރިކަމާއި ހަރުދަނާކަމާއެކު އެކަކުއަނެކަކަށް ދެނެގަނެގެން ކުރިއަށް ގެންދިއުމުން ހަމަޖެހޭ ރީތިގޮތަކަށް ދިރިއުޅުން ކުރިއަށް ދާނެއެވެ.