ލައިފް ސްޓައިލް

ނާޒިފު ސާބިތުކޮށްދެނީ ދެފައިމައްޗަށް ކޮޅަށް ނުހުރެވުނަސް "އަމިއްލަ ފައިމައްޗަށް" ތެދުވެވިދާނެކަން

މަރިޔަމް ޝަފާ އިބްރާހިމް

"ހަޔާތުގައި ދެރަވާ ދުވަހެއް އަދި ހިތްދަތިވި ދުވަހެއް އަދި ނާދޭ. މިއީ މާތް ﷲ މިންވަރު ކުރެއްވި ގޮތްކަމަށް ގަބޫލުކޮށްގެން އަބަދުވެސް އުޅެނީ އުފަލުގަ."

ހިނގާބިނގާވެ އުޅޭ އެންމެނަކީ އުފާވެރި ބައެއް ނޫނެވެ. ހުރިހާ ހިއްސުތަކާއި ގުނަންތައް ސަލާމަތުން ގަދަފަދަ ކަންމަތީ ލިބިފައި ވުމާއެކުވެސް ޝުކުރުވެރިކަމެއް ނެތް، ޝަކުވާ ބޮޑު މީހުން، ވަށައިގެން ހުރިހާ ދިމާއަކުންވެސް ފެނެއެވެ. އެހެންނަމަވެސް ގދ. ގައްދޫއަށް އުފަން އައިޝަތު ޝާކިރާއި އެރަށު މުހައްމަދު ސައީދަށް ލިބުނު 3 ކުދިންގެ ތެރެއިން 2 ވަނަ ދަރިފުޅު، އިސްމާއީލް ނާޒިފް ސައީދަކީ ކޮންމެ ގޮތަކަށް ދުނިޔޭގައި ލެއްވިޔަސް ރީތި، ނަލަ، ދިރިއުޅުމެއް އުޅެވިދާނެކަމުގެ ފުރިހަމަ ނަމޫނާ މިސާލެކެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިނދެގެންވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، ސާބިތު ދިރިއުޅުމެއް އުޅެވިދާނެކަމުގެ ފުރިހަމަ ނަމޫނާއަކަށް ނާޒިފު ފުދެއެވެ. އާންމު އެހެން މީހުންނެކޭ އެއްފަދައިން ދުވާލުގެ އަށްގަޑިއިރު އޮފީހުގެ މަސައްކަތުގައި އުޅުމާއެކު "ރެޑްކްރެސެންޓު"ގެ އެކި ހަރަކާތްތަކުގައިވެސް މަސައްކަތް ކުރާ ނާޒިފަކީ އެމްއާރުސީގެ ވިލިމާލޭ ގޮފީގެ މިހާރުގެ ނާއިބުރައީސް އެވެ. މީގެ ކުރިން ނާޒިފު ވަނީ އެމްއާރުސީގެ ޔޫތު މެންބަރުގެ އިތުރުން ޖަމިއްޔާ ވިލިޖޯލީގެ ބޯޑު މެންބަރުކަން ވެސް ކޮށްފައެވެ.

"ހައިޑްރޯސެފިލަސް"ގެ ވޭން ތަހައްމަލު ކުރަން ޖެހޭތީ ބޮލަށް ޓިއުބެއް ލައްވާފައި ހުންނަން ޖެހުމަކީ ނާޒިފު އުފުލަން ޖެހޭ ވޭނެކެވެ. މިހުރިހާ ކަމެއްގައި ހަރަކާތްތެރި ވަމުން އަންނައިރު ނާޒިފުގެ ސިކުނޑިއަށް ޖެހިފައިވާ މައްސަލައަކާ ގުޅިގެން އެކަމަށް ކުރަމުން އަންނަ ފަރުވާއާ މެދު ހާއްސަ ސަމާލުކަމެއް ދޭން ޖެހުމަކީ އިތުރުވެފައިވާ ބޮޑު ޒިންމާއެކެވެ. މިއީ ސިކުނޑީގެ ނާރުތަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ސިކުނޑީގައި ފެންހެދޭ ގޮތްވުމެވެ. މިހާރު ނާޒިފުގެ ސިކުނޑިއަށް ވަނީ ހޮޅިކޮޅެއް ލައްވާފައެވެ. އެ ހޮޅިކޮޅުގެ އެހީގައި ސިކުނޑީގައި އުފެދޭ ފެން ސިކުނޑިން ބޭރަށް، ހަށިގަނޑުންވެސް ބޭރަށް ނެރެދެއެވެ. އެހެންކަމުން މިއީ ދާއިމަށް ބޭސް ކުރަން ޖެހޭ ބައްޔެއްކަމަށް ވާތީ ނާޒިފު ދިރިއުޅެން ޖެހެނީ ނުހަނު ފަރުވާތެރިވެ، ސާބިތު ގޮތެއްގައެވެ.

2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަސް ވެގެން ދިޔައީ ނާޒިފަށް ތަފާތު، މާބޮޑަށްވެސް ހާއްސަ ދުވަހަކަށެވެ. އެއީ ނާޒިފުގެ ހަޔާތުގައި އަދި މިހާތަނަށްވެސް އެންމެ އުފާވި ދުވަހެވެ. އަބަދުވެސް އެދެމުން އައި އުންމީދެއް ފުރިހަމަ ވީ އެދުވަހު ނާޒިފަށް އަމިއްލަ ނަފުސަށް އޮތް ޔަގީންކަން އިހުނަށްވުރެ ބޮޑުވިއެވެ.

ނާޒިފަށް ސްޓެލްކޯ އިން ވަޒީފާ ލިބުމުން އެންމެ ބޮޑަށް އުފާވި ސަބަބަކީ މައިންބަފައިންނަށް ބުރައަކަށް ވެގެން ނުހުރެ އަމިއްލަ މަސައްކަތުން އަމިއްލަ ބޭނުންތައް ފުއްދައިގެން އަދި ހަމަ އެހެންމެ އެމީހުންނަށް އެހީތެރިކަން ދެވޭ ވަރުގެ ފޯރުންތެރިއަކަށް ވެވުނީތީއެވެ. ނާޒިފު ގަބޫލު ކުރާ ގޮތުގައި ދިރިއުޅުން އުޖާލާ ކުރުވަނީ އަމިއްލައަށް އަމިއްލަ ބޭނުންތައް ފުއްދޭތީއެވެ.

"ނާޒިފަކީ ކޮންމެ ކަމަކާވެސް ކުރިމަތިލާން ކެރޭ، ހިތްވަރުގަދަ، ނުހަނު ކިޔަމަންތެރި ދަރިއެއް."
ނާޒިފުގެ މަންމަ، ޢާއިޝަތު ޝާކިރާ.

ނާޒިފު ފަދަ ދަރިފުޅަކު ލިބުނީތީ އޭނަގެ މައިންބަފައިން ވަނީ އުފަލެވެ. އިހުސާސް ކުރެވެނީ ފަހުރުވެރިކަމެވެ. ފަހަރެއްގައިވެސް ނާޒިފުގެ ބަލިކަމުގެ ސަބަބުން އޭނާގެ މައިންބަފައިން ހިތާމައެއް ނުކުރެއެވެ.

"ނާޒިފަކީ ވަރަށް ގާތް އެކުވެރިއެއް. ވިލިޖޯލީގެ އެކިއެކި ކަންކަން ރާވާ އިރުވެސް ކަންކަމުގައި ގެންގުޅޭ ޕޮޒިޓިވް އެޕްރޯޗު އަދި ކަންކަން ރޭވުމުގައި ދައްކާ ލީޑަޝިޕަކީ އެފަދަ ކުދީންނަށް ނަމޫނާއެއް. އެހެން ކުދީންނެކޭ ނާޒިފާ އެއްވެސް ތަފާތެއް ނުހުރޭ." ނަޒީފުގެ ގާތް އެކުވެރިޔަކު، އޭނާއާ ބެހޭ ގޮތުން ކިޔައިދެމުން ބުނި ގޮތުގައި، ނާޒިފަކީ އެއްވެސް ވަރަކަށް މަގާމުގެ ބާރާއި ނުފޫޒު ގެންގުޅޭ މީހެއް ނޫނެވެ.

ދާދި އިހަކަށް ދުވަހު ޗައިނާ ފްރެންޑްޝިޕް ބްރިޖު މަތިން ފުރޮޅުލީ ގޮނޑީގައި ކުރެވުނު ދަތުރާމެދު ނާޒިފު އިންތިހާއަށް އުފާކުރެއެވެ. ދުވަހަކުވެސް އެގޮތަށް ބުރިޖު ހުރަސް ކުރަން ފުރުސަތު ލިބޭނެކަމަށް ހީވެސް ނުކޮށް ހުއްޓައި އެފަދަ ފުރުސަތެއް ލިބުމުން އިޖުތިމާއީ ހަރަކާތްތަކަށް އޮންނަ ލޯތްބާއި ހިތްވަރު އިތުރަށް އާވެ އާލާވިއެވެ.

ނާޒިިފުގެ އުންމީދަކީ މުޖުތައުގެ ގިނަ ކަންތައްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރަށްވުރެ އިތުރަށް ލިބުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމަށް، ދެފައި މަތީ ތެދުވެ ހުރުން ލާޒިމު ނޫން ކަމުގެ ހެއްކަކަށް ނާޒިފުގެ ހިތްވަރާއެކު އަމިއްލަ ފައިމަތީ ސާބިތުވެ ހުރުން ފުދެއެވެ.