ޚަބަރު

ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރަން އެސްޓީއޯއިން ހިލޭ ކޮފީ!

މުހައްމަދު ޖަމްޝަތް ވަހީދު

ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅިގެން އެސްޓީއޯ އިން ހިލޭ ކޮފީ ލިބޭ ހަރާކާތެއް ފަށައިފިއެވެ.

ބައިނަލްއަގުވާމީ ކޮފީގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ އާއި ލިލީ އެންޓަޕްރައިސް، ސިޓީ އިންވެސްޓްމެންޓް އަދި އަނާ އިންވެސްޓްމެންޓް ގުޅިގެން ވަނީ ކޮފީ ބުއިމަށް ލޯބިކުރާ ފަރާތްތަކަށް ހިލޭ ކޮފީ ލިބޭ ހަރަކާތެއް މިއަދު ފަށައިފައެވެ. މިއަދު ހަވީރު 4:00ގައި ފެށި މި ހަރަކާތް ކުރިއަށްދާނީ މިރޭ 10:00 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.

އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި މި ހަރަކާތުގައި ބައިވެރިވެ، ގިފްޓް ހެމްޕާސް ހޯދުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އަދި މި ހަރަކާތް ކުރިއަށްދާ ވަގުތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ކޮފީ މޭކާސް އިން ޑިސްކައުންޓް ވެސް ލިބޭނެ ކަމަށް ބުންޏެވެ.

ބައިނަލްއަގުވާމީ ކޮފީ ދުވަހަކީ ބެވަރޭޖެއްގެ ގޮތުގައި ކޮފީ ބުއިން ޕްރޮމޯޓުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. އިންޓަނޭޝަނަލް ކޮފީ އޯގަނައިޒޭޝަނުން އެއްބަސްވެފައިވާ ގޮތުގެ މަތިން އެންމެ ފުރަތަމަ މި ދުވަސް ފާހަގަކުރީ 1 އޮކްޓޯބަރު 2015 ގައި އިޓަލީގެ މިލާނުގައެވެ.