ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން ކުރިއެކޭވެސް އެއްގޮތަށް ހީނަރުކަމެއް ނައިސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ ޗައިނާގެ 73 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް ޝީ ޖިންޕިންއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ސިޓީއެއްގައެވެ. ރައީސް ވަނީ ތަހުނިޔާގެ ސިޓީއެއް ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގަށް ވެސް ފޮނުއްވައިފައެވެ.
ރައީސް ފޮނުއްވި ސިޓީގައި، ޗައިނާގެ ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން އެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ގައުމުގެ ކުރިމަގު އިތުރަށް ތަރައްގީކުރުމަށް އާ އަޒުމެއްގައި ޗައިނާގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
"ރާއްޖެ އާއި ޗައިނާގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް، ކުރިއެކޭވެސް އެއްގޮތަށް ހީނަރުކަން ނައިސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް،" އެމަނިކުފާނުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ރައީސް ސޯލިހު، ޗައިނާގެ ޕްރެމިއާ ލީ ކީކްޔާންގަށް ވަކިން ފޮނުއްވި ސިޓީގައި، ދެގައުމުން ވެސް ޝައުގުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށްދިއުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާކަން ވަނީ ފާހަގަކުރައްވައިފައެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ.
ޚަބަރު
ޚަބަރު