"ކެންސަރު ބައްޔަށް ފަރުވާކުރަމުން އަންނަތާ ހަ އަހަރުވެއްޖެ. މިހާރު އެންމެ އާންމުކޮށް ޖެހޭ އުރަމަތީގެ ކެންސަރު ޖެހުނީވެސް. މިހާރުވެސް މިއަންނަނީ ފަރުވާރަމުން. ކެންސަރުގެ ފަރުވާއަށް މި އޮގަސްޓުމަހު މާލެ އައީ. މީގެ ކުރިން އެއްލޮލުގެ ފެނުގެ ދަށްވެ އޮޕަރޭޝަން ކޮށްފަ. ދެން އަނެއް ލޮލުގެ ފެނުން ދަށްވާތީ މި ފަހަރު އައިސް ޑޮކްޓަރަށް ދެއްކުމުން އޮޕަރޭޝަން ކުރަން ބުނީ. އެކަމަކު އެވަރުގެ މާލީ ތަނަވަސްކަމެއް ނެތީމަ އެނބުރި ރަށަށް ދާން އުޅެނިކޮށް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކީމަ ގިނަ ޓެސްޓުތަކެއް ހެދީ. ދެން މި އެނގުނީ ފުއްޕާމޭގެ މައްސަލަތަކެއް ހުރިކަން. އަދި އެއް ކިޑުނީ ދުޅަވެ ހަލާކުވެގެން ވީ އެންމެ އަވަހަކަށް އެ ކިޑުނީ ނަގަންޖެހޭކަން. އަނެއް ކިޑުނީއަށްވެސް މިހާރު ދަނީ އަސަރުކުރަމުން."
މިއީ ގއ. ކޮލަމާފުއްޓަށް އުފަން ފާތުމަތު އިބްރާހިމް (ފާތުމަތު) އޭނާގެ ބަލިހާލަތު "ވަން" އާ ހިއްސާކުރަން ފަށަމުން ބުނި ވާހަކައެވެ.
ފާތުމަތުގެ ހުންނަނީ އެންމެ ކުއްޖެކެވެ. އެއީވެސް ބަލި ކުއްޖެކެވެ. ފަރުވާދީފިނަމަ ރަނގަޅުވެދާނެ ފަދަ ބައްޔެކެވެ. ނަމަވެސް ފަރުވާ ނުދެވެނީ މާލީ ހާލަތު ހުންނަގޮތުންނެވެ. އެކަނިވެރިމައެއްގެ ގޮތުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ރަށު އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރުމުން ލިބޭ ހައެއްކަ ހާސް ރުފިޔާއިން ދަރިފުޅާއި އޭނާގެ ހަރަދުތައް ބެލެހެއްޓެނީ ކިރިޔާއެވެ. ކެންސަރު ބަލީގެ ފަރުވާއަށް ގިނަ ގިނައިން މާލެ އަންނަން ޖެހުމުން އަތުގައި މަސް ނިމޭއިރު ފައިސާފޮއްޗެއް ނޯވެއެވެ.
ޑޮކްޓަރަށް ދައްކަން މާލެއައިސް އުޅެން ޖެހެނީ ކުލީ ކޮޓަރީގައެވެ. އާއިލާގެ މީހުން ތިބި ނަމަވެސް އެ މީހުންނަކީ މާ ފުދުންތެރި ބަޔަކަށް ނުވުމުން އެ މީހުންގެ ގޭގޭގައި ވެސް ތިބުން އޮންނަނީ ދަތި ކަމަކަށް ވެފައެވެ. ދަރިފުޅުގެ ކަންކަން ހުންނަ ގޮތުންވެސްމެއެވެ. ރުޅިއަތުވެއްޖެ ނަމަ އަމިއްލަ ނަފުސަށް އަނިޔާކުރާ ފަހަރުވެސް އާދެއެވެ. ދަރިފުޅުގެ އުމުރުން މިހާރު 28 އަހަރުވެފައިވީނަމަވެސް ދަރިފުޅުގެ ސިކުނޑި ޅައެވެ. ދަރިފުޅުގެ އުމުރުން ހަތް މަހުން ފެށިގެން ދަރިފުޅުގެ ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ.
ދަރިފުޅަކީ ބަލި ކުއްޖަކަށްވެފައި އެކުއްޖާގެ ބައްޕަގެ އެހީތެރިކަމެއްނެތި ބަލަމުން އައީ ވަރަށް ހާލުގައެވެ. ބަލި ހާލަތު ހުރި ގޮތުން ރަށު ސްކޫލުގައި އެފަދަ ކުދިންނަށް ތައުލީމު ހާސިލުކުރެވެން ނެތް ކަމަށްބުނެ ދަރިފުޅު ތައުލީމުން މަރުހޫމު ކުރިއެވެ.
"މިފަދަ ހާލެއްގައި އަޅުގަނޑުމެން ދެމައިން ދިރިއުޅެމުން މިދަނީ. އުޅެނިކޮށް މޭމަތީގަ ގަނޑުލައި ތަދުވާތީ ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކެންސަރުކަން. އެއީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު. އެއްބަނޑު އެއްބަފާ ތިބެނީ ތިން މީހުން. އެއިންވެސް އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ބޭބެގެ މާބޮޑު އެހީތެރިކަމެއް ނުލިބޭ. ދެން ހުންނަނީ އަންހެން ދައްތައެއް. ދަރިން ތިބެނީ އޭނަގެ އެކަނި. ކެންސަރު ޖެހިގެން އެކުދިން އެފަހަރު ބޭރަށް ގެންގޮސް ފަރުވާފެށި. އަދިވެސް ހަ މަހުން ހަ މަހުން މާލެ އައިސް ފަރުވާ ހޯދަން ޖެހޭ. މި ބަލީގަ ހުއްޓާ އަނެއްކާވެސް އިތުރު ބަލިތަކެއް ތަހައްމަލް ކުރަން މިޖެހުނީ." އަސަރާއެކު އޭނާ ކިޔައިދިނެވެ.
ފާތުމަތު ބުނީ މިފަހަރު ރާއްޖެއިން ބޭރަށް ދިޔުމަށް އާސަންދަ ހަމަޖެހިފައިވީނަމަވެސް، ބޭރަށް ގޮސް ވާނީ ކިހާ ދުވަހެއް ކަން ނޭނގޭ ކަމަށެވެ. އާއިލާއަކީ ފުދުންތެރި އާއިލާއަކަށް ނުވުމުން އެ ހުރިހާ ހަރަދެއް ކުރާނެ ފައިސާއެއް އަތަކު ނުހުރެއެވެ. ވީ އެންމެ އަވަހަކަށް ފުރަން ޑޮކްޓަރު ބުނިނަމަވެސް ތިބުމާއި ކެއުމަށްވެސް އިތުރު ގިނަ ހަރަދުތަކެއް ހިނގާނެތީ އިންތިހާއަށް ކަންބޮޑުވެއެވެ.
"ކަންކަން ދަންނަ މީހަކަށް ހުރީ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިހެން ދަރިފުޅު. އެކަމަކު އޮޕަރޭޝަން ކުރީމަ އަމިއްލައަށް ގައިންތާހިރެއްވެސް ނުވެވޭނެ. އެހެންވެ އަންހެނަކު ގެންދަން ޖެހޭ. އިތުރު މީހަކު ގޮވައިގެންވެސް ދެވެން އޮތީ އަމިއްލަ ހަރަދުގަ ޓިކެޓު ނަގައިގެން. އެވަރުގެ ތަނަވަސްކަމެއްވެސް އަޅުގަނޑުގެ ނެތް." އޭނާގެ ހާލަތު ކިޔައިދެމުން ބުންޏެވެ.
ފާތުމަތު ބުނީ މި ދެ ބައްޔަކީވެސް ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަން ޖެހޭ ބަލިތަކަކަށްވުމުން ދިއްކޮށްލާ އެންމެ ރުފިޔާއަކީވެސް މި ވަގުތު އޭނާއަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެހެން ކަމުން އާންމުންގެ ފަރާތުން ދީލަތި އެހީއަކަށް އެދޭން ޖެހުނީ ކަމަށްވެސް ބުންޏެވެ.
ފާތުމަތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން އޭނާގެ އެކައުންޓު ނަންބަރު:
7712443089101 ރުފިޔާ
7730000503103 ޑޮލަރު
މި ދެ އެކައުންޓުވެސް އޮންނާނީ އޭނާގެ އަމިއްލަ ނަމުގައި ކަމަށާއި، މި ނޫން އެކައުންޓު ނަންބަރެއް މިކަމުގައި ބޭނުން ނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ފާތުމަތުގެ ބަލި ހާލަތާ ގުޅޭ ގޮތުން ޑޮކްޓަރުން ދީފައިވާ ލިޔުންތައް "ވަން" އަށް ލިބިފައިވީނަމަވެސް އާއިލާގެ އެދުމުގެ މަތިން އެ ލިޔުންތައް މި ރިޕޯޓުގައި ނުހިމަނަމެވެ. ސަބަބެއް ކަމަށް އާއިލާއިން ބުނީ މީގެ ކުރިން އެހެން މީހަކަށް އެހީ ހޯދުމަށް އެދި ލިޔެ ކިޔުންތައް އާންމު ކުރުމުން އެތަކެތީގެ ފޮޓޯކޮޕީ ހައްދައި އެމީހުންގެ ނަމުގައި އެހެން ބަޔަކު އެހީ ހޯދާފައިވާތީ ކަމަށެވެ. ފަހަކަށް އައިސް ފޭސްބުކުގައި އެހީއަށް ޖަހާ ރިޕޯޓުތަކުގައި ހުންނަ އެކައުންޓު ނަންބަރު ބަދަލުކޮށް އެހެން ބަޔަކު މިކަމުގެ ނާޖާއިޒު ފައިދާ ނަގައެވެ. ލިޔެ ކިޔުންތަކުގެ ފޮޓޯ ކޮޕީ ހައްދައިގެން އެކި އެކި އިދާރާތަކަށާއި ގޭގެއަށް ގޮސް ބަލިމީހާގެ ނަމުގައްޔާއި އެ އާއިލާގެ ނަމުގައި އެހީ ހޯދައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް