ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލްމަގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯ ބޭނުންކޮށްގެން މީހުން ބެލްކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތޮފާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މުސްތޮފާގެ ބަންދުގެ މުއްދަތު ހަމަވާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަސް އިތުރަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ބްލެކްމެއިލް ކުރި މައްސަލައިގައި މުސްތޮފާ ހައްޔަރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އެފަހަރު ކޯޓަށް ހާޒިރުކުރުމުން ވަނީ ނުވަ ދުވަސް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މުސްތޮފާގެ އިތުރުން ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަލްމްގީރުގެ ބޮސްކަމަށް ބަޔާނުގައި ބުނެފައިވާ ދަރަވަންދޫ/ އަކިރި، ހަމްދޫން އަބްދުﷲ އާއި ށ. ފުނަދޫ/ ސީސްޓާ، މައުމޫން މޫސާ ހިމެނެއެވެ. ހަމްދޫން ހައްޔަރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި މައުމޫން ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ހަމްދޫންގެ ބަންދަށް ކޯޓުން 15 ދުވަސް އަދި މައުމޫންގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިފައެވެ.

އެ މީހުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑުކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާއްމުކޮށްފައިވާ މައްސަލައާ ގުޅިގެން ޖުމުލަ ފަސް މީހަކު ހައްޔަރުކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.