ހުރިހާ ވައްތަރެއްގެ ކޮންޕިއުޓަރު ތަކުގައި ބޭނުންކުރާ މަސްނޫނީ ސިކުނޑި، ނުވަތަ ޕުރޮސެސަރުގެ ގޮތުގައި އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އިންޓެލްގެ 13 ވަނަ ޖީލުގެ ޗިޕްތައް ބިނާކޮށްފައިވަނީ އިންޓެލް 7 ޕްރޮސެސްގެ އަޕްގްރޭޑް ވަރޝަނެއްގެ މައްޗަށް ކަމަށާއި، އޭގައި އެކުންފުނީގެ ތިންވަނަ ޖީލުގެ ސުޕަރފިން ޓްރާންސިސްޓަރ ވެސް ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ. ގިނަ ބަޔަކު ޗިޕްތަކުގެ ސުޕީޑް އައިސެވަން ނުވަތަ އައިފައިވް ގެ ނަންބަރުން ބެލި ނަމަވެސް އެ ޗިޕްތަކުގެ ފަހުގެ ޖެނެރޭޝަން ވަރަށް މުހިއްމެވެ. ކުރީގެ ޖެނެރޭޝަންގެ އައިސެވަން ޕުރޮސެސަރަކަށްވުރެ ފަހުގެ ޖެނެރޭޝަންގެ ޕުރޮސެސަރު ތަކުގެ ސްޕީޑް މާބޮޑަށްވެސް ހަލުވިވާނެއެވެ.

ކޮންޕިއުޓަރު ގަންނަ ގިނަ ބަޔަކަށް އަދިވެސް އައިސެވަން ޕުރޮސެސަރަކީ އެންމެ މަތީ ޕުރޮސެސަރު ކަމަށް ހީވި ނަމަވެސް މިފަހަރު ނެރޭ ޕުރޮސެސަރަކީ އައިނައިންގެ ޕުރޮސެސަރެވެ. މި ޗިޕްތަކުގައި 24 ކޯ ހިމެނޭނެ ކަމަށާއި 5.8 ގިގަރހާޓްސްގެ ސުޕީޑް ހުންނާނެ ކަމަށް އިންޓެލްއިން ބުނެއެވެ. އެހެން ނަމަވެސް އަގަކީ ކުރީން ވެސް ވިއްކި އަގު ކަމަށާއި ޕުރޮސެސަރުގެ ހުރިހާ އެއްޗެއް މަތި ވިޔަސް އަގު މަތި ނުވާނެ ކަމަށް އިންޓެލްއިން ވަނީ އިއުލާން ކޮށްފައެވެ.

އެޕަލް އަދި މައިކުރޯސޮފްޓް ކޮންޕިއުޓަރު ތަކުގައި ވެސް އެންމެ ގިނަ އިން ބޭނުން ކުރާ އިންޓެލް ޗިޕްތަކުން އިތުރު ޕާފޯމަންސެއް ހޯދުމަށް ޕުރޮސެސަރުގެ ހައުވިކަން މަތިކުރުމަކީ ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ މަސައްކަތެކެވެ.

ޕުރޮސެސަރުގެ ސްޕެސިފިކޭޝަނަށް ބަލާއިރު 13 ވަނަ ޖެނެރޭޝަންގެ ޗިޕްތަކުގައި ކުރިން ނެރުނު ޕުރޮސެސަރު ތަކާއި އަޅައި ބަލާއިރު ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ. އެޑޯބް މީޑިއާ އެންކޯޑާ އަދި ފޮޓޯޝޮޕް ފަދަ އެޕްތައް ބޭނުންކޮށްގެން އެކި އެކި ބޮޑެތި ކުރެހުންތައް ހަދާ މީހުންނާއި އެއްފަހަރާ ގިނަ އެޕްލިކޭޝަން ހުޅުވައިގެން މަސައްކަތް ކުރާ މީހުންނަށް މި ޕްރޮސެސަރުން ކުރީގެ ޕުރޮސެސަރުތަކަށް ވުރެ 27 ޕަސެންޓް އަވަސް ކަން ފެންނާނެ ކަމަށް އިންޓެލް އިން ބުނެ އެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ބްލެންޑަރ އަދި އަންރިއަލް އިންޖީން ފަދަ މީޑިއާ ކްރިއޭޝަން އެޕްތަކަށް 34 ޕަސެންޓް އަވަސް ކަމެއް ގެނެސްދޭނެ ޕުރޮސެސަރެކެވެ.

އިންޓެލް ޕުރޮސެސަރު ތަކާއި ވާދަކުރަމުން އަންނަ އޭއެމްޑީގެ ކުރިއަށް އޮތް ރައިޒެން 7000 ޗިޕްތަކާ އަޅައިކިޔުން އިންޓެލްގެ 13 ވަނަ ޖެނެރޭޝަންގެ ޕުރޮސެސަރު ސްޕީޑް 58 ޕަސެންޓް އަވަސް ވާނެ ކަމަށްވެސް ބުނެވެއެވެ.

ވިންޑޯސްގެ އަދި އެޕަލް މެކް ކޮންޕިއުޓަރު ތަކުގައި ހިންގާ އޮޕަރޭޓިން ސިސްޓަމްތަކުގެ ފަސޭހަކަމާއި ހަލުވިކަން ގުޅިފައިވާ މައިގަނޑު އެކައްޗަކީ ޕުރޮސެސަރު ކަމުން ހަމަ ޔަގީނުންވެސް ބާޒާރުގައި އިންޓެލްގެ 13 ވަނަ ޖެނެރޭޝަންގެ ވިޔަފާރީގެ ފޯރިގަދަވާނެ ކަމާއި މެދު ސައްކެއްނެތެވެ.