އަންނަ އަހަރުވެސް ރާއްޖޭގައި އިންޓަނޭޝަނަލް، ސަރަހައްދީ ފެންވަރުގެ ބާސްކެޓްބޯޅަ މުބާރާތެއް ބާއްވަން ނިންމާފައިވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ރޭ ނިމިގެންދިޔަ ސަރަހައްދީ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން މުބާރާތެވެ. މިއީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ބޭއްވި އެންމެ ބޮޑު އަންހެން ބާސްކެޓް މުބާރާތެވެ. މީގެ ކުރިން 2017 ވަނަ އަހަރު ސާބާ ފިރިހެން ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާފައިވާ އިރު، ދެ ފަހަރުވެސް މުބާރާތް ނިންމާލީ ފުރިހަމަކޮށެވެ.
މިފަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރި އިރު، ސްރީ ލަންކާއިން ވަނީ ޗެމްޕިއަންކަން ދިފާއުކޮށްފައެވެ. އަދި ނޭޕާލުން ރިހި މެޑަލް ހޯދި އިރު، ރޭ ކުޅުނު މެޗުގައި ބޫޓާން ބަލިކޮށް ރާއްޖެއަށް ވަނީ ލޯ މެޑަލް ހޯދައިފައެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި އިރު، އެ ތިން މެޗަށްވެސް ދިވެހި ސަޕޯޓަރުން ގިނަ އަދަދަކަށް ވަދެ، ޓީމަށް ވަރަށް ބޮޑަށް ފޯރި ދީފައިވެއެވެ.
ރޭ ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މަހުލޫފް ވަނީ ގައުމީ ޓީމުން ކުޅުނު ކުޅުމާއި ކުރި ހިތްވަރަށް ޝުކުރު އަދާކޮށްފައެވެ. އަދި ސަޕޯޓަރުންގެ ފަރާތުން މުބާރާތުގައި ފެނިގެންދިޔަ މަންޒަރުން ހިތްވަރު އާވެއްޖެ ކަމަށާއި އެސޯސިއޭޝަނާއެކު މަޝްވަރާކޮށް އަންނަ އަހަރުވެސް ބައިނަލްއަގުވާމީ ބާސްކެޓް މުބާރާތެއް ބާއްވަން މަޝްވަރާކޮށް، ނިންމާފައިވާނެ ކަމަށް ވިދާޅުވިއެވެ.
"މި ސޯޝަލް ސެންޓަރުން ފެނިގެން ގޮސްފި ސަޕޯޓަރުން މިކަމަށް ދިން ޝައުގުވެރިކަން. މިކަމަށް ދިން ފޯރި. އެކަމަށް ބަލައި އެސޯސިއޭޝަނާއެކު މަޝްވަރާކޮށް އަޅުގަނޑުމެން ނިންމިން އަންނަ އަހަރުވެސް މިގޮތަށް، ތި ސަޕޯޓަރުންނާއެކު މިކަހަލަ މުބާރާތެއް ރާއްޖޭގައިި ބޭއްވުމަށް،" މަހުލޫފް ވިދާޅުވިއެވެ.
އެ މުބާރާތުގެ އިތުރު ތަފުސީލު މަހުލޫފް ނުދެއްވައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކުޅިވަރު ސިޔާސަތުގައި ހިމެނޭ ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ސިޔާސަތުގެ ދަށުން އިންވިޓޭޝަނަލް މުބާރާތްތައްވެސް ރާއްޖޭގައި ބާއްވަން ތައްޔާރުވެފައިވާ އިރު، އެ މުބާރާތަކީ އިންވިޓޭޝަނަލް މުބާރާތެއް ގޮތުގައިވެސް ބޭއްވުމުގެ ފުރުސަތު އޮތް މުބާރާތެކެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތްތަކަށް ބަލައި އިރު، މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ އިތުރުން މިއަހަރު ބޭއްވި ޓީޓީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްވެސް ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން މީގެ ދެ މަސް ކުރިން ރާއްޖޭގައި ވަނީ ބޮޑީބޯޑިންގެ އިންޓަނޭޝަނަލް ޓުއާ އިވެންޓެއްވެސް "ވިސިޓް މޯލްޑިވްސް"ގެ ނަމުގައި ކުރިއަށް ގެންގޮސްފައެވެ.
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ
ބާސްކެޓްބޯޅަ