އަމީނީ މަގުގައި އިންދާފައިހުރީ އާއްމުގޮތެއްގައި މަގުތަކުގައި އިންދާ ވައްތަރުގެ ގަސް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި އިންދާފައި ހުރި ގަސްތައް، ނަގާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މިއަދު ކޯޓަށް މައްސަލަ ހުށަހަޅަން ވަނީ ނިންމާފައެވެ. އެ ގަސްތައް ކަނޑާ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންވެސް މަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންް ކޯރަޕޭޝަން (އާރްޑީސީ)އަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީނީ މަގުގެ ގަސްތައް ނަގާ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، އަމީނީ މަގުން ނަގާ ގަސްތައް އެހެން ތަނެއްގައި އިންދާނެ ކަމަށާއި މަގު ހެދުމަށް ގަސްތައް ކަނޑަން ޖެހެނީ އެގަސްތަކުގެ މޫތައް ފެތުރިފައި ހުރި ގޮތުން ހޮޅިވަޅުލުމުގައި އުނދަގޫތަކެއް ކުރިމަތިވުމާއި މަގުގެ ޕޭވްމަންޓް ހެދުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެތީކަމަށެވެ.
"ގަސްތައް މިކަނޑަނީ އަޅުގަނޑުމެންނަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޫތަކާ އެއްޗެހި ހުރުމުން މަގުގައި ހޮޅިވަޅުލުމާއި މިކަންކަމަށް ވަރަށް ބޮޑެތި ދަތިތަކެއް އެބަކުރިމަތިވޭ. އެނގިވަޑައިގަންނަވާނެ، އަމީނީ މަގުގައި އިންދާފަ ހުރި ގަސްތަކަކީ އާއްމު ގޮތެއްގައި މިކަހަލަ މަގުތުގަ އިންދާ ގަސްތަކަށްވުރެ ތަންކޮޅެއް ތަފާތު ގަހެއް" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، އަމީނީ މަގު ތަރައްގީކުރުމަށްފަހު އެ މަގު އަލުން ފެހިކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އަމީނީ މަގުގެ އިރުމަތީ ފަރާތުން ބައެއް ބަންދުކޮށްފައިވާއިރު، އެ ސަރަހައްދުގައި ހުރި ގަސްތައް ވަނީ ނަގައިފައެވެ. އެ ގަސްތައް އިންދުމަށް ހަމަޖައްސާފައިވަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކުޑަގިރީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު