ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޖުލައިމަހުގެ 21 ވަނަދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، ހިޔާލުތަފާތުވެފައިވާ ޔޯގާ މައްސަލައިގައި ފަތުވާއެއް ނުނެރުނީ އެ މައްސަލަ އެހާ ބޮޑުވެގެންދާނެކަމަށް ނުބެލެވުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ ޒާހިރު މިހެން ވިދާޅުވީ، ޔޯގާ ހަމަނުޖެހުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް އިއްޔެ ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، 2015 ވަނަ އަހަރު ޔޯގާގެ ހަރަކާތްތައް ސަރުކާރުން ރާއްޖޭގައި ފެށީއްސުރެން، މިހާތަނަށް އައިއިރުވެސް އެ މައްސަލައަކީ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ މައްސަލައެއް ކަމަށެވެ.
ނަމަވެސް އެފަދަ އެހެން މައްސަލަތަކެކޭ އެއްގޮތަށް އެކަމަށް އެއްވެސް އިރެއްގައި ސަރުކާރުން ރައުޔެއް ނެރެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދީނީ ގޮތުން ހިލާފު އުފެދިފައިވާ ކަންތައްތަކުގައި ވަކި ގޮތެއް ކަނޑައަޅައި އެއީ ރަނގަޅު ގޮތް ކަމަށް އެއްވެސް އިރަކު އިސްލާމިކު މިނިސްޓްރީން ފަތުވާއެއް ނެރެފައި ނުވާ ކަމަށެވެ. އެފަދަ މައްސަލަތަކުގައި މިނިސްޓްރީން ހާމަ ކޮށްދެނީ، އިލްމުވެރިން ދެއްވާފައިވާ ރައުޔުތައް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހިލާފު އުވެދިފައިވާ ދީނީ ކަންތައްތަކުގައި، ފަތުވާ ނެރެން ޖެހެނީ، ފަތުވާ މަޖިލިސް ނުވަތަ ފިގުހުއެކަޑަމީ ފަދަ ދީނީގޮތުން ބޮޑެތި ތަންތަނުން ކަމަށެވެ. އެހެންކަމުން ފަތުވާ މަޖިލިސް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު