މިއަހަރުގެ ފަތުރުވެރިކަމުގެ މޫސުމާ ދިމާކޮށް ހޯމްސްޓޭ (ރަށު ޓޫރިޒަމް) ވިޔަފާރި ފުޅާވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
"ވަން"އަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ފަތުރުވެރިކަމުގެ މޫސުމާ ދިމާކޮށް ރާއްޖޭގެ ފަތުރުވެރިކަން ވަަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއަހަރުގެ ޓޫރިސްޓު ސީޒަނާ ދިމާކޮށް ގެސްޓްހައުސްތަކަށްވެސް ބާރުބޮޑުވާނެކަމަށް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މޫސުމުގެ ގޮތުގައި އާއްމުކޮށް ބަލަނީ ނޮވެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަން އެންމެ ރަނގަޅު ދުވަސްވަރެވެ.
"ގެސްޓްހައުސްތައް ފުރުނީމާ ދެން މި ބަލަން ޖެހެނީ ގާނޫނީ ގޮތުން ހުއްދަ ދެވިފައި ހުންނަ ތަންތަނަށް، ހޯމް ސްޓޭއަށް. މިހާރު މިއޮތީ ވަރަށް ފަސޭހައިން ހޯމް ސްޓޭ ރަޖިސްޓަރީކުރެވޭ ގޮތަށް. އެހެންވެ އަޅުގަނޑުމެން ގަބޫލުކުރަނީ، ޓޫރިސްޓު ސީޒަނާ ދިމާކޮށް އިތުރަށް ގިނަ ފަރާތްތަކުން ހޯމްސްޓޭ ހުއްދަވެސް ނަގާނެ ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަންނަ ޖެނުއަރީން ފެށިގެން ޗައިނާ ފަތުރުވެރިންވެސް ރާއްޖެ ގެނެވޭނެ ކަމަށެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށާއި އެއަށް ވުރެ ގިނައިންވެސް އައުން އެކަށީގެންވާ ކަމަށެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި ހޯމްސްޓޭ ޓޫރިޒަމް ވަނީ ފަށާފައެވެ. ހޯމްސްޓޭ ފުރަތަމަ ފެށީ މ. ދިއްގަރުގައެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގައި ހޯމްސްޓޭ ވަނީ ފެތުރިފައެވެ.
ހޯމްސްޓޭ ތައާރަފުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު "ނޫ އިގްތިސޯދު"ގެ މެނިފެސްޓޯގެ ދަށުން ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު