ފޯނާއި، ޓީވީ، ކޮންޕިއުޓަރާއި ލެޕްޓޮޕްތަކުގެވެސް ރީތި ސުކުރީންތައް އުފެއްދުމަށް ދެވަނައެއް ނެތް ސެމްސަންގް އާއި ޕުރޮސެސަރ އުފެއްދުމަށް ދުނިޔޭގެ އެއްވަނަ އިންޓެލް ގުޅިގެން، ދަމާލުމުން ބޮޑުވާ ކޮންޕިއުޓަރެއް ނުވަތަ ލެޕްޓޮޕެއް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ. މިއީ އެއް ފަރާތު ދަމާލުމުން 13 އިންޗި 17 އިންޗިއަށް ބޮޑުކޮށްލެވޭ "ސްލައިޑް ކުރެވޭ" ޑިވައިސްއެކެވެ.

ކީބޯޑެއް ނެތުމުން ސްލައިޑް ކުރެވޭ މި ކޮންޕިއުޓަރު ނުވަތަ ލެޕްޓޮޕް ޓެބްލެޓަކަށް ވެސް ބަޔަކު ހަދާފާނެއެވެ. އެހެން ނަމަވެސް 13 އިންޗިން ފެށިގެން 17 އިންޗިއާ ހަމައަށް މި ސްކްރީން ބޮޑު ކޮށްލުމުން އާންމު ޓެބްލެޓަކަށްވުރެ މި ކޮންޕިއުޓަރު ނުވަތަ ލެޕްޓޮޕް ބޮޑުވާނެއެވެ.

އިންޓެލްގެ ޗީފް އެގްޒެކެޓިވް، ޕެޓް ގެލްސިންގާ އާއި ސެމްސަންގްގެ ޑިސްޕްލޭ ޑިވިޝަންގެ ލީޑަރު ޗޮއި އަންގާރަ ދުވަހު މި ޑިވައިސް ދައްކާލީ އިންޓެލް އިނޮވޭޝަން ކޮންފަރެންސްގައެވެ. އިންޓެލް ކުންފުނީގެ އާ 13 ވަނަ ޖެނެރޭޝަން ކޯ ޕްރޮސެސަރުތައް ވެސް މި ކޮންފަރެންސްގައި އަންނަނީ ތައާރަފު ކުރަމުންނެވެ.

ދަމައި ބޮޑުކޮށްލެވޭ ނުވަތަ "ސްލައިޑް" ކުރެވޭ ޑިވައިސް، ބަލާބެލުމަށް ކޮންޕިއުޓަރަކަށް ވެސް ނުވަތަ ލެޕްޓޮޕަކަށްވެސް ނުވެއެވެ. އެހެން ނަމަވެސް ބޮޑު ސްކްރީނަކާއި އެކު ފަސޭހައިން ހިފައި ގެންގުޅެވޭ މި އައު ޑިވައިސް، ކޮންޕިއުޓަރަކުން އަދި ލެޕްޓޮޕާއި ޓެބްލެޓުންވެސް ކުރެވޭ ހުރިހާ ކަމެއް ކުރެވޭނެ ކަމަށް ޖެލްސިންގް ވިދާޅުވި އެވެ. އެއީ ފްލެކްސިބަލް ޕްލާސްޓިކް ސަބްސްޓްރޭޓެއްގެ މައްޗަށް ބިނާކޮށްފައިވާ އޯއެލްއީޑީ ޑިސްޕްލޭ ޓެކްނޮލޮޖީ ހިމެނޭ މުޅިން އައު ވައްތަރެއްގެ ކޮންޕިޓަރެކެވެ.

ބޮޑެތި ފޮށިގަނޑުލީ ކޮންޕިއުޓަރުގެ ބަދަލުގައި ތުނި ތުނި ކޮންޕިއުޓަރު ތަކުގެ ޒަމާންވެސް މާޒީއާ އެކުވެ ތަފާތު އެކި އެކި ސިފަތަކުގައި ނިކުންނަމުން އައި ފަށްޖެހޭ، އަދި އިނގިލިން ކޮށްޓާލެވޭ ޑިސްޕުލޭޓައްވެސް ހިމެނޭ ލެޕްޓޮޕާއި ޓެޕްލެޓްތައްވެސް މާޒީއަށް ދުއްވާލުމަށްފަހު، ދެން ނިކުންނާނީ ސްލައިޑް ކުރެވޭ ކޮންޕިއުޓަރު ނުވަތަ ލެޕްޓޮޕް ތަކެވެ. އެހެން ނަމަވެސް މި ތަފާތު ކޮންޕިއުޓަރު ބާޒާރުން ގަނެލުމަށް ދުވަސްކޮޅަކަށް އިންތިޒާރު ކޮށްލަން ޖެހޭއެވެ.