މަސްވެރިންނަށް ދިމާވެފައިވާ އައިސް ނުލިބުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި، ދޯނި ފަހަރުގައި ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ފައިސާ ލިބިފައިވާކަމަށް، މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ، ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ސައީދު ސުވާލު ކުރެއްވީ، ގެމަނަފުށީގައި 50 ޓަނުގެ އައިސްޕްލާންޓް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކަށް ވާއިރު، އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާއި، މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ.
މެންބަރު ސައީދުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ.ހުސެއިން ވިދާޅުވީ، ގެމަނަފުށީގައި 50 ޓަނުގެ އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތަކީ، ފެލިވަރުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖާއެކު ގާއިމުކުރާ ތަނެއްކަމަށާއި އެތަނުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މަސްވެރިންނަށް އައިސް ލިބުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް، ދެކަމެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރެއިން އެއްކަމަކީ، އައިސްޕްލާންޑް ގާއިމުކުރުމުގެ މަސައްކަތްކަމަށާއި، އަނެއް ކަމަކީ މަސްދޯނިފަހަރުގައި ފިނިކުރާ ނިޒާމު ގާއިމުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ތެރެއިން ރާއްޖޭގެ އެތައްމިތާ އިތުރު ފަސް އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ދަށުން ދެ ފަހަރެއްގެ މަތިން ކަަމަށް އިއުލާން ކޮށްގެންވެސް ބަޔަކު ނުލިބުމުގެ ސަބަބުން، ކޮންޓްރެކްޓަރުންނަށް ދައުވަތުދީގެން އެމީހުންގެ ބިޑު ހޯދައިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އޭގެ އިތުރަށް އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ދޯނި ފަހަރުގަ ފިނިކުރާ ނިޒާމު ހަރުކުރަން، އެ ނިޒާމުތައް ހަރުކުރުމަށް ބޭނުންވާ ފައިސާ އެކި ފަންޑުތަކުން އަޅުގަނޑުމެނަށް ލިބިފަ އެބަހުރި، މިހާރުވެސް ބޭންކުގަ އެބަހުރި ފައިސާ. މިކަން އަޅުގަނޑުމެންނަށް ކުރެވެން ފެށީމަ އައިސްގެ މައްސަަލައަށް ދާނީ ލުއިކަން ލިބެމުން،" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު