އަމީނީމަގު ހެދުމަށްޓަކައި އެމަގުން ގަސްނެގުމަށް ކުރަމުންދާ މަސައްކަތުގައި އެމަސައްކަތް ކުރިއަށްގެންދާ ފަރާތްތަކުން އެހެން ގޮތަކަށް ނުވިސްނައިފިނަމަ، ޝަރީއަތަށް ވަޑައިގެންފާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އަމީނީމަގުން ގަސް ނެގުމުގެ ކަންބޮޑުވުމަކީ، މާލޭގައި ދިރިއުޅޭ ވަރަށްގިނަ ބައެއްގެ ކަންބޮޑުވުމެއް ކަަމަށެވެ. ގަސްތައް ނެގުމާމެދު، އެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ޕެލޭނިން މިނިސްޓްރީން، އިތުރު ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންނޫންނަމަ "އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީއަތަށް ދިއުންނޫންގޮތެއް މިކަމުގައި ހަގީގަތުގައި ނެތް،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަމީނީ މަގުން ގަސްތައް ނަގަމުން ގެންދާ މައްސަލައިގައި، މަޖިލިސް ރައީސް މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އެފަހަރު އެމަނިކުފާނު ވިދާޅުވީ، ގަހެއް ހެދުމަށް 15 ނުވަތަ 20 އަހަރު ނަގާއިރު، މަގެއް ހެދުމަށް ނަގަނީ ތިން މަސް ދުވަސް ކަމަށެވެ. އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދުކުރަން މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަޜޭޝަނުންވެސް ގަސްތައް ނުނަގައި މަގުތައް ހެދޭނެ ގޮތްތަކެއް ހޯއްދަވާނެ ކަމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އާރްޑީސީން ބުނީ ތާރު އަޅައިގެން އަމީނީ މަގު ހަދާއިރު، އެ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ބުޑުން ނެގުމަށްފަހު ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރިއަށް ކަމަށެވެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމުމުން އެ މަގުން ނެގި ގަސްތަކުގެ ބަދަލުގައި ގަސް އިންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް އަމީނީ މަގުގެ ގަސްތައް ނެގުމުގެ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު