އަންހެން ބާސްކެޓްގެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތުގެ ފެށުން ރާއްޖެއަށް ފޮންޏެވެ. ރޭގެ މެޗަކީ އަންހެން ބާސްކެޓުގައި ތާރީހު ލިޔެލި ތަފާތު މަންޒަރުތަކެއް ދައްކުވައިދިން މެޗެކެވެ. ސަރަހައްދީ އެންމެ ބޮޑު އަންހެން ބާސްކެޓް މުބާރާތް، ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) މުބާރާތް ރޭ ކުޅިވަރު އެކުވެނީގައި ފެށިއިރު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މެޗުގައި ރާއްޖެއާއި ނޭޕާލް ވާދަކުރި އިރު، ފެށުމަށް ރެފްރީ ފުމެލި ކަށިގަނޑާއެކު، މެޗު ބަލަން ވަދެތިބި ދިވެހީންގެ އަޑުން އެކުވެނި ގުގުމާލިއެވެ.

ނޭޕާލާ ދެކޮޅަށް ރޭ ރާއްޖެ ނުކުތް އިރު، ހަނދާނުގައި އޮތީ ހިތި ތަޖުރިބާތަކެކެވެ. މޮޅެއް ނުވެވި ކުރެވިފައި އޮތް އިންތިޒާރެކެވެ. 2016 ގެ ސާބާ އަންހެން މުބާރާތުގައި ނޭޕާލް އަތުން ރާއްޖެ ބަލިވި ބަލިވުމުގެ އިތުރަށް، 2019 ގެ ސާފް ގޭމްސްގައި ނޭޕާލް އަތުން އަންހެން ބާސްކެޓް ޓީމަށް ކުރިމަތިވި ނުވަ ޕޮއިންޓުގެ ފަރަގުގެ ހިތްދަތި ބައްޔެވެ. އެ ހަނދާންތަކާ އެކު މެޗު ފެނުނީ އާ ރޫހެއްގައެވެ. ޖަޒުބާތެއްގައެވެ.

އެންމެފަހުން ބޭއްވި ސާބާ މުބާރާތުގެ ރިހި މެޑަލް ހޯދި ނޭޕާލަކީ ޗެލެންޖެއް ކަން ކުރިއާލައި އެނގޭވެސް މެއެވެ. ހަތަރު ޓީމު މުބާރާތުގައި ވާދަކުރާތީ، ރާއްޖެއަށް ކުރީގެ ލޯ މެޑަލް "ބައުންޑްރީ ބްރޭކް" ކުރަން ރޭގެ މެޗު ހޯދުން މުހިއްމުކަން އޮތީ މާކުރިންވެސް އެނގިފައެވެ. ފައިނަލެއް ނޫންނަމަވެސް، ރޭ މުބާރާތް ފެށީ ހަމަ "ފައިނަލަކުން" ނެވެ.

ފުރަތަމަ މިނެޓުން ފެށިގެން ޓީމުގެ ރޫހު ފެނުނެވެ. ފުރަތަމަ ކުއާޓާ ނިމުނު އިރު، ރާއްޖެ އޮތީ 16-14 އިން ކުރީގައެވެ. ދެވަނަ ކުއާޓާގައި ނޭޕާލުން ޗެލެންޖް ކުރި ނަމަވެސް އަނެއްކާވެސް ރާއްޖެއިން ލީޑުގައި ނިންމާލިއެވެ. އެއީ 25-24 އިންނެވެ. މެޗުގެ އޮއިވަރު ބަދަލުވެ، ދިވެހި ޓީމަށް ޕްރެޝަރުވީ ތިންވަނަ ކުއާޓާގައެވެ. ނޭޕާލުން މެޗުގެ ނަތީޖާ އަނބުރާލައި، ފަހަތުން އަރައި ލީޑު ނެގިއެވެ. ކުއާޓާ ނިމުނީ ނޭޕާލުން ކުރީގައި އޮވެ، 34-36 ޕޮއިންޓުންނެވެ.

ހަތަރު ވަނަ ކުއާޓާގެ ނޭޕާލުން ލީޑު ފުޅާކުރި އިރު، ސްކޯ 36-40 ގައި އޮއްވައި ސްކޯ ބޯޑުގެ ކަރަންޓުގޮސް ރާއްޖެއަށް ލިބުނީ ހިންދެމިލާނެ "ނަސީބުގެ ވަގުތު ކޮޅެކެވެ." އެ ޓެކްނިކަލް ބްރޭކަށްފަހު ދިވެހި ޓީމުގެ ހިތްވަރު ނަގައިދިނީ ސަޕޯޓަރުންގެ ބާރު ހަޅޭކުންނެވެ. މެޗުގައި މޮޅަށް ކުޅުނު އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) އާއި ކެޕްޓަން އާމިނަތު ޝިއުރާ އަދި ފާތިމަތު ރިޝްމާގެ އިތުރުން މުޅި ޓީމުގެ ހިތްވަރު އާ ގިޔަރެއްގައި ދެއްކީ ގައުމީ ޖޯޝެކެވެ.

މެޗު ނިމެން އެއް މިނެޓާ 30 ވަރަކަށް ސިކުންތަށްވީ އިރުވެސް ލީޑުގައި އޮތީ ނޭޕާލެވެ. އެއީ 42-44 ޕޮއިންޓުންނެވެ. އެ ނަތީޖާ ރާއްޖެއިން އަނބުރާލީ ރިޝްމާ ގާތް ގާތުގައި ދެ ސްކޯއެއް ކޮށް، އިއްކޮ މުހިއްމު ތިން ޕޮއިންޓެއް ހޯދައިގެންނެވެ. އެ ވަގުތު ސަޕޯޓަރުންގެ ހަޅޭކުގެ އަޑު ދިޔައީ އެއްވާނެއްގައި ބާރުކޮށެވެ. އެ ފޯމުގައި ފަހުވަގުތު ރާއްޖެއަށް އެންމެ ޕްރެޝަރު ދަނޑިވަޅުގައި ރާއީ ހަމްޒާގެ ދެ ފްރީތުރޯ ކާމިޔާބުކޮށް، މެޗު ނިންމާލީ 51-47 ޕޮއިންޓުން މޮޅުވެގެންނެވެ.

މޮޅާއެކު ކުޅުންތެރިންގެ ލޮލުން ފެނުނީ އުފާވެރިކަމުގެ ކަރުނައެވެ. ޖަޒުބާތުގެ ކަރުނައެވެ. އާއިލާއާއެކު ކޯޓު ތެރޭގައި އުފާފާޅުކުރީ އެތައް ދުވަހެއްގެ އިންތިޒާރަށް ގެނައި ނިމުމަކާއެކުގައެވެ.

"2019 ގައި ކުރި ތަޖުރިބާއަށް ބަލާފައި ތައްޔާރުވަމުން އައީ. ދެން މުބާރާތް މާލޭގައި އޮންނަ އިރު ނޭޕާލު ބަލިކުރަން ބޭނުންވި. އެއީ ކުރިން ހިތްދަތިކޮށް ބަލިވެފަ އޮތީމަ، ވިސްނީ ގައުމުގަ ބަލިކުރަން. އިންޝާﷲ މުބާރާތް ކާމިޔާބުކުރަން ބޭނުންވަނީ،" ޖަޒުބާތުގައި ހުރި ރިޝްމާ ރޭގެ މެޗަށްފަހު ބުންޏެވެ.

ކެޕްޓަން ޝިއުރާގެ ނަޒަރުގައިވެސް ރޭގެ މެޗަކީ ބަދަލުހިފުމެކެވެ. ޓީމު ހިތްވަރު އެލުވައިނުލާނެކަން ރާއްޖެއަށް ސާބިތުވާނެ ކަމަށްވެސް ޝިއުރާ ބުންޏެވެ.

"ބަދަލުހިފުމުގެ ރޫހެއްގައި ނުކުތީވެސް. ކޮންމެ ގޮތެއް ހަދާފަވެސް މެޗު ނަގަން ހުރިހާ ކުދިންވެސް ނުކުތީ. މިވާ އިހުސާސް ބުނެދޭންވެސް ނޭނގެ. ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ އެންމެ ފަހުވަގުތު އެ ދަމާލެވުނީ ސަޕޯޓަރުންގެ ހިތްވަރާ އެކުގައޭ. އެއަށް ވަރަށް ވަރަށް ޝުކުރިއްޔާ،" ޝިއުރާ ބުންޏެވެ.

"ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގައި ނުހުންނާނެ ގިވްއަޕް ކުރާނެ ކުޅުންތެރިއެއް. އެ ފެންނާނެ ބަލަންތިބި އެންމެނަށް. މި ޓީމުގަ ތިބީ އެއްވެސް އިރެއްގަ ދޫދޭނެ ކުޅުންތެރިންނެއް ނޫންކަން ޔަގީންވާނެ. ހުރިހާ ކުޅުންތެރިންވެސް އެންމެ ފަހުވަގުތާ ޖެހެންދެން ކަށިން ހިތްވަރުލައިގެން ކުޅުނު. ވަރަށް ވަރަށް އުފާވޭ އެހެންވެ. ނޭނގެ ބުނާނެ އެއްޗެއްވެސް އަސްލު،" އުފާވެރިކަމުގެ ކަރުނައާއެކު ވާހަކަ ދައްކަން އުނދަގޫވެފައި ހުރި ކެޕްޓަން ޝިއުރާ އިތުރަށް ބުންޏެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާ، އިއްކޮއަށްވެސް މޮޅު ހާއްސައެވެ. ހާއްސަކޮށް އޭނާ ސަޕޯޓަރުންނަށް ދިން މެސެޖުވެސް ސާފެވެ. އިއްކޮ ބުނީ ކުރިން އެޅި ލޯ މެޑަލްގެ ކުލަ ބަދަލުކޮށްލަން ސަޕޯޓަރުން ސާބިތުވުމަށެވެ.

"މިއީ ވަރަށް ގިނަ ދުވަސްވަންދެން އަޅުގަނޑުމެން އިންތިޒާރުކުރި މަންޒަރެއް. ސާފް ގޭމްސްއިން ފެށިގެން މި މޮޅު، ރީމެޗަކަށް ގޮސް ހޯދަން ބޭނުންވި. އެއީ އެންމެ ނުވަ ޕޮއިންޓުން އެ މެޗުގައި ބަލިވުމާވެސްއެކު. މިއީ މުޅި ޓީމަށް ހަމަ ތަފާތު މޮޅެއް. ފަހުރުވެރިވޭ. ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަސްލު މިކަހަލަ ކްރައުޑެއްގަ ކުޅުމަކީ އާ ތަޖުރިބާއެއް. ޓީމަށް އިތުބާރުކޮށްދީ މިތަނަށް އައުމަކީ ލިބުނު އުފަލެއް. އެހެން ކުލައެއްގެ މެޑަލް އަޅާލުމަށް ތި ސަޕޯޓަރުން ބޭނުންވޭ،" އިއްކޮ ބުންޏެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް ނޭޕާލް ބަލިކުރި ރާއްޖެއަށް ދެންވެސް އޮތީ ކޮންފިޑެންސާއެކު ކުރިއަށް ދިޔުމެވެ. މިފަހަރު މުބާރާތުގައި ހަތަރު ޓީމުން ވާދަކުރާ އިރު، މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ސާބާ މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ ސްރީލާންކާ އާއި ބޫޓާނެވެ.