ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެކު ސޮއިކޮށްފިއެވެ.
މީރުމާ އިވެންޓް ހޯލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއެވެ. އަދި ޖޭއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ކޭއެސް ރެޑީއެވެ.
އިކޮނޮމިކް މިނިސްޓްރީން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޖޭއެމްސީއާ ހަވާލުކުރީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ހަދާނެއެވެ. އަދި އިންޓަނޭޝަނަލް ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރާނެއެވެ
ޖުމުލަ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ-320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭނެއެވެ.
މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަންވެސް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށާއި އަންނަ އަހަރުގައި އެއާޕޯޓް މަސައްކަތް ނިންމައި ހިދުމަތްދޭން ފަށާނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފުލައިޓުތައް އެ ސަރަހައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމާއި އެ ސަރަހައްދަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ އަގުބޮޑުވުމުން ކަމަށެވެ.
އެ މަޝްރޫއުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށާއި އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމި ހިދުމަތްދެވެން ފެށުމުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ބަޔަކަށް ވަޒީފާ ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އުތުރުގެ ރަށްރަށުގެ ވިޔާފަރި އާއި އިގުތިސޯދަށް އާރޯކަން ލިބި ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްގީކުރެވުމަކީ ވެސް މަސް ގަނެ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާއެކު މަސް އެކްސްޕޯޓްކުރާ ކުންފުނިތަކަށް، ހާއްސަގޮތެއްގައި ބޮޑު ކަންނެލި އެކްސްޕޯޓުކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު މަސް އެކްސްޕޯޓު ކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އެ މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސޯދީ މައި ހަބެއް ގާއިމުކޮށް އެ ސަރަހައްދުގައި ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު