ކެންޔާގެ އެލިއުޑް ކިޕްޗޯގޭ، އޭނާގެ މެރަތަން ރެކޯޑް އާކޮށްފިއެވެ.
އުމުރުން 37 އަހަރުގެ ކިޕްޗޯގޭ އޭނާގެ މެރަތަން ރެކޯޑް އާކުރީ މިއަދު ޖަރުމަނުގެ ބާލިންގައި އޮތް މެރަތަންގައި ވާދަކޮށްގެންނެވެ.
މިއަދުގެ މެރަތަން ކިޕްޗޯގޭ ނިންމީ ދެ ގަޑިއިރާއި އެއް މިނެޓް ނުވަ ސިކުންތުންނެވެ. އޭނާ މިއަދު އާކުރީ މީގެ ހަތަރު އަހަރު ކުރިން ބާލިން މެރަތަންގައި ހެދި ރެކޯޑެކެވެ. މިއަދު ރެކޯޑު މުގުރާލީ ހަތަރު އަހަރު ކުރިން ނިންމި ޓައިމިންއަށްވުރެ 30 ސިކުންތު އަވަސްކޮށް ރޭސް ނިންމައިގެންނެވެ.
ކިޕްޗޯގޭ 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރެކޯޑު މުގުރާލީ އޭގެ ކުރިން ރެކޯޑު އޮތް ޑެނިސް ކިމެޓޯއަށްވުރެ 20 ސިކުންތު ކުރިން މެރަތަން ނިންމައިގެންނެވެ. ކިމެޓޯ އަތުގައި އޮތް ރެކޯޑަކީ ދެ ގަޑިއިރާ ދެ މިނެޓް އަދި 57 ސިކުންތުން މެރަތަން ނިންމައިގެން ހަދާފައި އޮތް ރެކޯޑެކެވެ.
މިއަދުގެ މެރަތަންވެސް ކިޕްޗޯގޭ ކާމިޔާބު ކުރި އިރު، މިހާތަނަށް ކެރިއަރުގައި ދުވި 17 މެރަތަނުން 15 މެރަތަން އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.
ކިޕްޗޯގޭ ވަނީ 2019 ވަނަ އަހަރު ވިއެނާގައި ދުވި ހާއްސަ މެރަތަން ދެ ގަޑިއިރު ނުވަނީސް ނިންމައިފައެވެ. ނަމަވެސް އެ މެރަތަން ރެކޯޑަށް ގުނާފައެއް ނުވެއެވެ. އެއީ އެ މެރަތަން ދުވީ ސްޕީޑް ކޮންޓްރޯލް ކުރަން ހާއްސަ ޓީމެއް ކައިރީ ލައިގެން ކަމަށްވެފައި، އެ މެރަތަންއަކީ ހުޅުވާލެވިގެން ކުރިއަށް ގެންދިޔަ މުބާރާތަކަށް ނުވުމުންނެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް