ޚަބަރު

ތެލާއި ކާޑު ގަންނަން އެސްޓީއޯއަށް 189 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގަތުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕޮރޭޝަން (އައިޓީއެފްސީ) އާއި އެސްޓީއޯއާ ދެމެދު 189 މިލިއަން ޑޮލަރު (2.92 ބިލިއަން ރުފިޔާ)ގެ މުރާބަހާ ޓްރޭޑް ފައިނޭންސިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު އެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ ހާނީ ސާލިމް ސޮންބޮލް އެވެ. މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަދި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު (އައިއެސްޑީބީ) ގެ ގަވަރުނަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.

އިސްލާމިކް ފައިނޭންސިންގެ މޮޑެލްއެއް ކަމަށްވާ މުރާބަހާ ފައިނޭންސިންގެ ދަށުން ހަމަޖައްސާފައިވާ މި ފެސިލިޓީގެ ދަށުން އައިޓީއެފްސީން އެސްޓީއޯއަށް ފައިނޭންސް ކޮށްދޭނީ އަސާސީ މުދަލުގެ ބާވަތްތައް ގަނެ، އެތެރެ ކުރުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތެޔޮ، ބޭސް، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ސާމާނުގެ އިތުރުން އަސާސީ ކާބޯތަކެއްޗެވެ. މި އެއްބަސްވުމުގެ ދަށުން އެ މުދާ ސަޕްލަޔަރުގެ އަތުން ގަތުމަށް ފަހު އައިޓީއެފްސީން އެސްޓީއޯ އަށް ވިއްކާނީ ކުޑަ ފައިދާއެއް ލުމަށްފަހުއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ އާއި އައިޓީއެފްސީއާ ދެމެދުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މިފްކޯގެ ވާދަވެރިކަން އިތުރުކޮށް ދުނިޔޭގެ މާކެޓްތަކަށް އެ ކުންފުނިން ވަދެވޭނެ ގޮތް ހެދުމުގެ މަގުސަދުގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް އައިޓީއެފްސީން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.