ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތް 2022

ސާބާގައި ވާދަކުރާ ގައުމީ އަންހެން ޓީމަށް ފަސްޓް ލޭޑީ ފަޒުނާ ހިތްވަރު ދެއްވައިފި

ރާއްޖޭގައި ފަށަން ތައްޔާރުވެފައިވާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓް މުބާރާތް، ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕް (ސާބާ) މުބާރާތުގައި ވާދަކުރާ ދިވެހި ޓީމާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައްދަލުކުރައްވައި، ޓީމަށް ހިތްވަރު ދެއްވައިފިއެވެ.

ފަޒުނާ އަހުމަދު ޓީމާ ބައްދަލު ކުރެއްވީ ރޭ ސޯސަލް ސެންޓަރުގައެވެ. ޓީމާ ބައްދަލުކުރައްވައި އެކަމަނާ ވަނީ ކުޅިވަރުގެ މައިދާނުގައި އަމިއްލަފުޅު ތަޖުރިބާއިން ބައެއް ވާހަކަފުޅުތައް ހިއްސާކުރައްވައި، ޓީމުގެ މެންބަރުން މުބާރާތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގަދަ އަޅައި މަސައްކަތްކުރުމަށް ހިތްވަރުދެއްވައިފައެވެ.

ފަޒުނާ ވިދާޅުވީ ސާބާ މުބާރާތަކީ ގައުމީ އަންހެން ބާސްކެޓް ޓީމަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާއަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. ރޭގެ ބައްދަލުވުމަށްފަހު އެކަމަނާ ވަނީ ޓީމުގެ ފަރިތަކުރުންތައް ސޯޝަލްސެންޓަރުގައި ކުރިޔަށްދިޔަގޮތް ބައްލަވައިލައްވާފައެވެ.

ރޭގެ ބައްދަލުވުމުގައި ޓީމުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހާއްސަ ޖާޒީއެއް ވެދުމަށް އަރުވާފައެވެ. އެ ޖާޒީއަކީ މިފަހަރުގެ މުބާރާތަށް ހާއްސަކޮށް ޓީމުން ބޭނުންކުރާނެ ޖާޒީއެވެ.

ސާބާ އަންހެން މުބާރާތް މިރޭ ފެށޭނެއެވެ. މިރޭ 8:00 ގެ މެޗުގައި ރާއްޖެއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މުބާރާތް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ މުބާރާތުގައި މިއަހަރު ފަސް ގައުމަކުން ވާދަކުރާނެއެވެ. ރައުންޑް ރޮބިން އުސޫލުން ކުޅޭ މުބާރާތުގައި ވާދަކުރަނީ ރާއްޖެ، ސްރީ ލަންކާ، ނޭޕާލް، ބޫޓާން އަދި ބަންގުލަދޭޝެވެ.

ސާބާ ޗެމްޕިއަންޝިޕަށް ގައުމީ އަންހެން ޓީމު އަންނަނީ ދުރާލާ މުބާރާތަށް ތައްޔާރުވަމުންނެވެ. އެގޮތުން އިންޑިއާ އާއި ތައިލެންޑުގައި ކޭމްޕްތަކެއް ކުރިއަށް ގެންގޮސް އެކުވެރިކަމުގެ މެޗުތަކެއް ވެސް ކުޅެފައިވެއެވެ. މިއީ ރާއްޖޭގައި ބާއްވާ އަންހެން ބާސްކެޓްގެ އެންމެ ބޮޑު މުބާރާތެވެ.