މާލޭގެ ގެއެއްގެ ތެރޭގައި ހިނގި އާއިލީ ހަމަނުޖެހުމެއްގައި އަންހެނަކު ފިރިހެނަކަށް ހަމަލާދީ ބޯފަޅާލައިފިއެެވެ.
ފުލުހުންގެ މީޑިއާ ގުރޫޕަށް ރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާލޭގެ ގެއެެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމުގެ މައްސަލައެއް އިއްޔެ ހަވީރު 16:20ގައި ފުލުހުނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހަމަނުޖެހުން ހިނގާފައިވަނީ އާއިލާއެއްގެ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރެއިންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހަމަނުޖެހުމުގައި އެއްޗަކުން ބޮލުގައި ޖެހުމުގެ ސަބަބުން ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދީފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް އަދި ނޭނގެއެވެ. އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ދީފައިނުވާތީ އާއި މެސެޖުކުރުމުންވެސް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވާތީ އިތުރު ތަފްސީލެއް ނުލިބެއެވެ.
ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ ގޯއްޗެއްގެ މައްސަލައިގައި ބަޔަކު ޒުވާބުކުރާތަނެވެ. ޒުވާބު ހޫނުވެ އަންހެން މީހާ އަތުގައި އޮތް ދަގަނޑު އެއްޗަކުން ފިރިހެން މީހާގެ ބޮލުގައި އެތައް ފަހަރަކު ޖަހައި ބޯފަޅާލާތަން ފެނެއެވެ. ކައިރީގަ ހުރި އެހެން ފިރިހެނެއްގެ މޫނުމަތީގައިވެސް އެ ދަގަނޑު އެތިން ޖަހާތަން ފެނެއެވެ. އެ ފިރިހެންމީހާގެ އަނގަމަތި ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ ފައިބާތަންވެސް އެ ވީޑިއޯއިން ފެނެއެވެ.
ބޯފަޅާލި މީހާ ބުނަމުން ދަނީ ހަމަލާދިނީ އޭނާގެ ކޮއްކޮ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު