ގައުމީ އެތުލެޓިކްސް މުބާރާތުގެ ދެވަނަ ދުވަހުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފިރިހެން 200 މީޓަރުގެ ރަން މެޑަލް ހޯދި އިރު، އަންހެން 200 މީޓަރުގެ ރަން މެޑަލް އަހްނާ ނިޒާރު ހޯދައިފިއެވެ.
ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް ބުރާސްފަތި ދުވަހު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ފަށާފައިވާ އިރު، އިއްޔެގެ އިވެންޓުތަކުގައިވެސް ސާއިދާއި ހުސައިން ފަޒީލް ހާރޫން އަދި އައިމިނަތު ޖާއިޝާ ޖުނީޒް ވަނީ ވިދާލައިފައެވެ. ހާއްސަކޮށް ޖައިޝާ ވަނީ ބުރާސްފަތި ދުވަހު ތާރީހީ ކާމިޔާބީއެއްވެސް ހޯދައިފައެވެ.
ބުރާސްފަތި ދުވަހު ހަވީރު ކުރިއަށްދިޔަ ވުމަންސް އޯޕަން 5000 މީޓަރު ރޭހުގައި ދުވެ، ޖައިޝާ އެއްވަނަ ހޯދީ 19 މިނެޓު 43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއާއެކު ޖައިޝާ ވެފައި ވަނީ 20 މިނެޓަށްވުރެ އަވަހަށް 5000 މީޓަރު ރޭހެއް ދުވި ރާއްޖޭގެ ފުރަތަމަ އަންހެން އެތުލީޓަށެވެ.
އިއްޔެ ކުރިއަށްދިޔަ ޓްރެކް އިވެންޓުތަކުގައި އަންހެން އަދި ފިރިހެން 200 މީޓަރުގެ ހީޓްތަކާއި ފައިނަލްވެސް ކުރިއަށް ގޮސްފައިވާ އިރު، ރާއްޖޭގެ 200 މީޓަރު ފިރިހެން ރެކޯޑު ހޯލްޑަރު ސާއިދު ފައިނަލް އިވެންޓް ނިންމީ 21.80 ސިކުންތުގެ ޓައިމެއްގައެވެ. އެ އިވެންޓުގެ ދެވަނަ ހޯދީވެސް ދިވެހި ސިފައިން ކްލަބުގެ އެޓްލީޓެކެވެ. އަހުމަދު ނަޖުދާން އަބްދުﷲ ދެވަނަ ހޯދީ 22.77 ސިކުންތުގެ ޓައިމިންއެއްގައި ރޭސް ނިންމައިގެންނެވެ. ފައިނަލްގެ ތިންވަނަ ލިބުނީ ޓްރެކް އެންޑް ފީލްޑްގެ މުހައްމަދު މިންހާލް ޝާމިންއަށެވެ. އޭނާގެ ޓައިމިންއަކީ 22.78 ސިކުންތެވެ.
200 މީޓަރު އަންހެން ދުވުމުގައި މިފަހަރު ރެކޯޑު ހޯލްޑަރު އައިޝަތު ހިމްނާ ހަސަން ވާދަކޮށްފައެއް ނުވެއެވެ. އެ އިވެންޓުގެ ފައިނަލުން ރަން މެޑަލް ހޯދީ 26.20 ސިކުންތުން ރޭސް ނިންމި، ދަ ބްލެކް މާލިންގެ އަހްނާ ނިޒާރެވެ. ދެވަނައަށް ދިޔައީ 27.12 ސިކުންތުގެ ޓައިމިންއަކާއެކު ރޭސް ނިންމި ކްލަބު ރާވެރިޔާގެ ހައްވާ މުޒުނާ ފާއިޒެވެ. 200 މީޓަރު އަންހެން ދުވުމުގެ ތިންވަނަ އަކީ ދަ ބްލެކް މާލިންގެ ރިފާ މުހައްމަދެވެ. އޭނާގެ ޓައިމިންއަކީ 27.16 އެވެ.
ބުރާސްފަތި ދުވަހު 5000 މީޓަރު ރޭހުން ރަން މެޑަލް ހޯދި ފަޒީލާއި ޖައިޝާ އިއްޔެ ރަން މެޑަލް ހޯދީ 1500 މީޓަރު ދުވުމުންނެވެ. ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޖައިޝާ ރޭސް ނިންމީ ފަސް މިނެޓު 8.43 ސިކުންތުންނެވެ. ފައިނަލްގެ ދެވަނަ ފަސް މިނެޓު 27.98 ސިކުންތުން ރޭސް ނިންމި މެރަތަން ރަނާސްގެ އައިޝަތު ރާނިޔާ ހޯދި އިރު، ތިންވަނައަށް ދިޔައީ ނަސީރު ސްޕޯޓްސް އެކަޑެމީގެ އައިމިނަތު ލުމާ އަސްލަމެވެ. އޭނާގެ ޓައިމިންއަކީ ފަސްމިނެޓާއި 59.80 ސިކުންތެވެ.
ދިވެހި ސިފައިންގެ ކްލަބުގެ ފަޒީލް ރަން މެޑަލް ހޯދީ 1500 މީޓަރުގެ ރޭސް ހަތަރު މިނެޓާއި 10.83 ސިކުންތުން ނިންމައިގެންނެވެ. އެ އިވެންޓްގެ ދެވަނައަށް ދިޔައީ ސާއިދު ސްޕޯޓްސްގެ އަހުމަދު ވިސާމެވެ. އޭނާގެ ޓައިމިންއަކީ ހަތަރު މިނެޓާއި 13.12 ސިކުންތެވެ. ތިންވަނައަށް ދިޔަ މެރަތަން ރަނާސްގެ ޔޫސުފް އިބްރާހީމް ރޭސް ނިންމީ ހަތަރު މިނެޓާއި 13.13 ސިކުންތުންނެވެ.
ގައުމީ އެތުލިޓްސް ޗެމްޕިއަންޝިޕްގައި އިއްޔެ ކުރިއަށްދިޔަ ފީލްޑް އިވެންޓްތަކަށް ބަލައި އިރު، ފިރިހެން ޝޮޓް ޕުޓްގެ ރަން މެޑަލް ހޯދީ ދިވެހި ސިފައިންގެ ކްލަބުގެ ޔޫސީފް ނިޝާރެވެ. އެ އިވެންޓްގެ ރިހި މެޑަލް ގެންދިޔައީވެސް ސިފައިންގެ ކްލަބުގެ އެތުލީޓެކެވެ. އެއީ އިސްހާގު އަހުމަދެވެ. އިވެންޓްގެ ތިންވަނައަށް ދިޔައީ ނަސީރު ސްޕޯޓްސް އެކަޑެމީގެ އިބްރާހީމް މާޒިންނެވެ.
އަންހެން މާސްޓާސް ޖެވެލިން ތުރޯގެ ރަން މެޑަލް ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ޝެހެނާޒް ސަލީމް ހޯދި އިރު، ފިރިހެން މާސްޓާސް ލޯންގް ޖަމްޕުން ރަން މެޑަލް ހޯދީ ކަސްޓަމްސްގެ މޫސާ އަލީއެވެ. އަންހެން ޑިސްކަސް ތުރޯގެ ރަން މެޑަލް ހޯދީ އައިނީ މުހައްމަދެވެ.
އަންހެން މާސްޓާސް 100 މީޓަރުގެ ރަން މެޑަލް ކްލަބު 2 އެތުލެޓިކްސްގެ މަރިޔަމް މުހައްމަދު ހޯދި އިރު، ފިރިހެން 5000 މާސްޓާސް އިވެންޓްގެ ރަން މެޑަލް ގެންދިޔައީ ދިވެހި ސިފައިންގެ ކްލަބުގެ އިބްރާހީމް ހަސަނެވެ. އަދި އަންހެން 5000 މީޓަރު މާސްޓާސް އިވެންޓްގެ ރަން މެޑަލް ގެންދިޔައީ އެޗް ރަނާސްގެ ފާތިމަތު ފަރާއެވެ.
އިއްޔެ ވަނީ ފިރިހެން 100 މީޓަރުގެ ރިލޭވެސް ކުރިއަށް ގެންގޮސްފައެވެ. އެ އިވެންޓްގެ ރަން މެޑަލް ހޯދީ ދިވެހި ސިފައިން ކްލަބެވެ. އެ ޓީމުގައި ހިމެނެނީ ސާއިދާއިި ހުސައިން ރިޒާގެ އިތުރުން މުހައްމަދު ރަޝީދު (މޯޑް) އަދި އަބްދުލް ރަޝީދު އިސްމާއީލެވެ. ސިފައިންގެ ޓީމުން ރިލޭ ނިންމީ ތިން މިނެޓާއި 40.09 ސިކުންތުންނެވެ.