ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އިއްޔެ ފެށި ގައުމީ އެތުލެޓިކްސް މުބާރާތުގެ ފުރަތަމަ ދުވަހުގެ އިވެންޓްތަކުން ރާއްޖޭގެ އެންމެ ބާރު ދުންތެރިޔާ ހަސަން ސާއިދާއި އަންހެން ދުވުންތެރިޔާ މަރިޔަމް އަލްހާ ހުސައިން އަދި މިޑްލް ޑިސްޓެންސް ރަނާ ހުސައިން ފަޒީލް ހާރޫންވެސް ރަން މެޑަލް ހޯދައިފިއެވެ.

އިއްޔެ ކުރިއަށް ދިޔަ އެންމެ ވަރުގަދަ ފައިނަލް އިވެންޓްތަކަށް ބަލާ އިރު، 100 މީޓަރުގެ ރޭހުގެ ފިރިހެން ބައިގެ އެއްވަނަ ސާއިދު ހޯދީ ހީޓާއި ފައިނަލްގެ ވެސް އެއް ވަނަ ހޯދައިގެންނެވެ. ފައިނަލުގައި ސާއިދުގެ ޓައިިމިން އަކީ 10.86 ސިކުންތެވެ. ދެވަނައަށް ދިޔައީ ދާދިފަހުން ބޭއްވި އެސޯސިއޭޝަންސް ޗެމްޕިއަންޝިޕްގެވެސް ރިހި މެޑަލް ހޯދި، ރައުހަތު ސްޕޯޓްސް އެކަޑެމީގެ އިބާދުﷲ އާދަމްއެވެ. އޭނާގެ ޓައިމިންއަކީ 10.96 ސިކުންތެވެ. ތިން ވަނަ ހޯދި އަހުމަދު ނަޖުދާން އަބްދުﷲ ނިންމީ 11.23 ސިކުންތުންނެވެ.

އަންހެން 100 މީޓަރުގެ ދުވުމުގައި މިފަހަރު ރާއްޖޭގެ ރެކޯޑު އޮންނަ އައިޝަތު ހިމްނާ ހަަސަން މިފަހަރު ވާދަ ނުކުރެއެވެ. މިފަހަރު 100 މީޓަރު ދުވުމުން އެއްވަނަ ހޯދީ މަރިޔަމް އަލްހާ ހުސެއިންއެވެ. އަލްހާ، 100 މީޓަރު ރޭސް ނިންމީ 12.97 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ހައްވާ މުޒްނާ ފާއިޒުގެ ޓައިމިން އަކީ 13.09 ސިކުންތެވެ. އަދި ތިން ވަނަ ހޯދި އައިޝަތު ޝަބާ ސަލީމް ރޭސް ނިންމީ 13.14 ސިކުންތުންނެވެ.

އިއްޔެގެ އިތުރު ޓްރެކް އިވެންޓްތަކަށް ބަލާ އިރު، އެންމެ ފާހަގަވީ އައިމިނަތު ޖާއިޝާ ޖުނީޒް ހެދި 5000 މީޓަރުގެ އަންހެން ގައުމީ ރެކޯޑެވެ. އިއްޔެ ހަވީރު ކުރިއަށްދިޔަ ވުމަންސް އޯޕަން 5000 މީޓަރު ރޭހުގައި ދުވެ، ޖައިޝާ އެއްވަނަ ހޯދީ 19 މިނެޓު 43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއާއެކު ޖައިޝާ ވެފައި ވަނީ 20 މިނެޓަށްވުރެ އަވަހަށް 5000 މީޓަރު ރޭހެއް ދުވި ރާއްޖޭގެ ފުރަތަމަ އަންހެން އެތުލީޓަށެވެ. 20 މިނެޓަށްވުރެ އަވަހަށް 5000 މީޓަރުގެ ރޭހެއް ނިންމުމަށް ގިނަ އަންހެން އެތުލީޓުންތަކެއް ކުރިންވެސް މަސައްކަތް ކޮށްފައިވެއެވެ.

ފިރިހެނުންގެ 5000 މީޓަރު ދުވުން ކާމިޔާބުކުރީ ހުސެއިން ފަޒީލް ހާރޫނެވެ. އޭނާގެ ޓައިމިންއަކީ 16 މިނެޓު 04.10 ސިކުންތެވެ. ދެވަނައަށް ދިޔަ ޔޫސުފް އިބްރާހިމް ރޭސް ނިންމީ 16 މިނެޓް 21.26 ސިކުންތުންނެވެ. އަދި ތިންވަނަ ހޯދި މުހައްމަދު ރަޝީދު (މޯޑު) ރޭސް ފުރިހަމަކުރީ 16 މިނެޓް 39.95 ސިކުންތުންނެވެ.

އިއްޔެ ވަނީ މާސްޓާސް ޑިވިޝަނުގެ ފައިނަލް އިވެންޓްތައްވެސް ކުރިއަށް ގެންގޮސްފައެވެ. އަންހެނުންގެ 100 މީޓަރު ރޭހުގެ އެއްވަނަ ހޯދީ މަރިޔަމް މުހައްމަދު މާޔަންއެވެ. ޓައިމިން އަކީ 16.26 ސިކުންތެވެ. މާސްޓާސް ޑިވިޝަނުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން އެއްވަނަ ހޯދީ 13.03 އިން ނިންމި މިނާމް ނަސީމްއެވެ.

އިއްޔެ ކުރިއަށްދިޔަ އެހެން އިވެންޓްތަކަށް ބަލާއިރު، ފިރިހެނުންގެ ހައި ޖަމްޕް އާއި ޖެވެލިން އުކުމުގެ އެއް ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޝަރުވާން އަބްދުލް ހަމީދެވެ. ދެވަނައަށް ދިޔައީ ރޭސާސްގެ އިބްރާހިމް ރަޝްވާނެވެ. ތިންވަނަ ހޯދީ ކޭވައި ސްޕޯޓްސް އެކެޑަމީގެ އަހުމަދު ރައުލް އައްސަދެވެ. އަންހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގެ އެއްވަނަ ހޯދީ ކްލަބް ރާވެރިޔާއެވެ. އެއީ 4 މިނެޓް 21؛53 ސިކުންތުން ރޭސް ނިންމައިގެންނެވެ.