ޓެކްނޮލޮޖީ

ވިންޑޯސް 11، މައިކުރޯސޮފްޓުން މިހާތަނަށް ނެރުނު އެންމެ ރައްކާތެރި އޮޕަރޭޓިން ސިސްޓަމް

އާދަމް ނަސީރު

ވިންޑޯސް 11 ނެރުނުތާ އެއްއަހަރު ވެގެން ދިޔައިރު ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ އޮޕަރޭޓިން ސިސްޓަމަކީ ވިންޑޯސް 11 ކަމަށް މައިކުރޯސޮފްޓުން މި ދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާން ކޮށްފައެވެ. އެއް އަހަރު ފަހުން އޮޕަރޭޓިން ސިސްޓަމްގެ ބޮޑު އަޕްޑޭޓެއް ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ 190 އަަށް ވުރެ ގިނަ ގައުމަށް ލިބޭ ގޮތަށް ދޫކޮށްލައިފައެވެ. ހިލޭ ލިބޭ މި އަޕްޑޭޓްގެ ސަބަބުން ވިންޑޯސް 11 އިތުރަށް ފުރިހަމަ ވެގެން ދާނެކަމަށް ބެލެވެއެވެ.

ވިންޑޯސް 11 އަކީ މައިކުރޯ ސޮފްގެ އެންމެ ރައްކާތެރި ވިންޑޯސް ކަމަށް އިއުލާން ކޮށްފައިވާއިރު މިހާރުގެ ވިންޑޯސްއަކީ ކުރިއާ ހިލާފަށް، ޖެހުނުހާ ސޮފްޓްވެއާއެއް އެޅޭނެ އެއްޗެއް ނޫންކަމަށާއި އަދި ވިންޑޯސްގައި މިހާރު ހިމެނޭ އޭ.އައި (އަރޓިފިސިއަލް އިންޓެލިޖެންސް) ސުމާޓް އެޕް ކޮންޓުރޯލްގެ އެހީގައި އިތުބާރު ނުކުރެވޭ އެޕްލިކޭޝަން ތަކާއި ތަފާތު ވައިރަސްތައް ހުއްޓުވާނެ ކަމަށް މައިކުރޯސޮފްޓުން ވަނީ ބުނެފައެވެ.

ވިންޑޯސް އޮޕަރޭޓިން ސިސްޓަމް ބޭނުން ކުރާ ގިނަ ދިވެހިންވެސް ގަބޫލު ކުރާ ގޮތުގައި އެޕަލްގެ މެކް، އޯއެސް ގެ ގިނަ ސިފަތަކެއް މިހާރު ވިންޑޯސްއިން ވަނީ ނަކަލު ކޮށްފައެވެ. އެ ސިފަތަކުގެ ސަބަބުން ވިންޑޯސްއަށް ކުރިން ދިމާވާ އެކި އެކި ވައިރަސްތަކުގެ އުނދަގޫ މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް ގަބޫލުކުރެއެވެ.

ފަހުގެ ވިންޑޯސް 11ގައި ހިމެނޭ (ޑޫ ނޮޓް ޑިސްޓަރބް) ބޭނުން ކުރުމުން އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެމީހުން ކުރާ މަސައްކަތަށް ސަމާލުކަން އިތުރަށް ދެވި އެކިއެކި ނޮޓިފިކޭޝަން ތަކުގެ އުނދަގުލުން ދުރުވެވޭނެއެވެ. މީގެ އިތުރުން ވިންޑޯސް 11ގައި ހިމެނޭ ވިންޑޯސް ސުޓޫޑިއޯ އިފެކްޓްސް އަކީ ވީޑިއޯ އާއި ފޮޓޯ އަދި އޯޑިއޯ ކޯލްތަކުގެ ފެންވަރު މަތި ކުރެފައިވާ ވީޑިއޯ ކޯލްތަކުގައި ބޭނުން ކުރާ ބެކް ގުރައުންޑްވެސް ފަސޭހައިން ބަދަލްކޮށްލެވޭ އޭ.އައި ޓެކްނޮލޮޖީ ހިމެނިގެން ގެނެސްދެވިފައިވާ އައު އެޕްލިކޭޝަނެކެވެ.

މި ހުރިހާ ފަސޭހަތަކާއި އެކު މިހާތަނަށް ވިންޑޯސްއިން ނެރުނު އެންމެ ފުރިހަމަ ވިންޑޯސްގެ ލަގަބު 11 ވަނަ އަދަދުން ހޯދި އިރު މައިކޯސޮފްޓްގެ ބައެއް ވިންޑޯސް ތަކަކީ އެ ނެރެގެން ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިވެ، ފެއިލްވެފައިވާ އަދަދުތަކެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ވިންޑޯސްގެ ބައެއް އަދަދުތައް ނެރެގެން ވައިގައި ނުހިފައި، ދިޔަ ގިނަ ފަހަރުތަކުގައި އޭގެ ކުރީގެ ވިންޑޯސް މާފަސޭހަކަމަށް ބުނުމާއި މައްސަލަތައް މަދުވުމުގެ އިތުރުން ބޭނުން ކުރަމުންދިޔަ ކުރީގެ ވިންޑޯސް ދޫކޮށް ނުލާން ގިނަ ބަޔަކު ނިންމާފައިވެއެވެ.

އެހެން ކަމުން މައިކުރޯސޮފްޓް ކުންފުނީގެ ބައެއް އޮޕަރޭޓިން ސިސްޓަމްތަކަށް އިތުރު ސަޕޯޓް ނުދީ އަދި އަޕްޑޭޓްސް ވެސް ނުދީ އެ އޯ.އެސްތައް ވަނީ އެ ކުންފުނިން އަމިއްލައަށް މަރާލާފައެވެ.