މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަންނަ އަގު ހެޔޮކޮށް، މަސް ކިރާ އަދަދު ލިމިޓްކޮށްފިއެވެ.
މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވުމުން، ގިނަ ދޯނި ފަހަރަށް މަސްކިރުމުގެ ފުރުސަތު ދިނުމަށް މާދަމާއިން ފެށިގެން ކޮންމެ ދޯންޏަކުން 12 ޓަނުގެ މަސް ކިރުމަށް ނިންމާފައިވާ ކަމަށެވެ.
މާންދޫ ފިޝަރީޒްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މާދަމާއިން ފެށިގެން މަސް ގަންނަ އަގުވެސް ދޮޅު ރުފިޔާ ހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން 1.5 ކިލޯއިން މަތީގެ ފިނިކުރި މަސްކިލޯއެއް 15.50 ރުފިޔާއަށް ގަންނައިރު، ފިނިނުކުރާ މަސްކިލޯއެއް ގަންނާނީ 13.50 ރުފިޔާއަށެވެ. އަދި 1.5 ކިލޯއިން ދަށުގެ ފިނިކުރި މަސް ކިލޯއެއް 7.50 ރުފިޔާއަށް ގަންނައިރު، ފިނިނުކުރާ މަސްކިލޯއެއް ގަންނާނީ 5.50 ރުފިޔާއަށެވެ.
މާންދޫގެ ބްރެއިން ކެޕޭސިޓީއަކީ 150 ޓަނެވެ.
އޮފިޝަލް ވިދާޅުވީ، މިހާރުވެސް ވަރަށް ގިނަ ދޯނި މަސް ކިރަން އަންނަ ކަމަށާއި ބޮޑެތި އަދަދުތަކުން މަސް ބާނައިގެން އަންނަ ދޯނިތަކުން ބާނާ ހުރިހާ މަހެއް ކިރުވުމުން، ކުދި އަދަދުތަކުން މަސް ބާނައިގެން އަންނަ ފަރާތްތަކުގެ މަސްކޮޅު ކިރޭ ގޮތެއް ނުވާ ކަމަށެވެ.
މިއަހަރު ކުރީކޮޅު ވެސް މަސްވެރިކަން ރަނގަޅުވެ، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބޭތީ، އެކުންފުނިން ވަނީ މަސް ކިރުން ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން އޭރު ވަނީ ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ކިރުވާ ގޮތަށް ލިމިޓްކޮށްފައެވެ.
އެކަމާ ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ މަސްވެރީން ގއ. ކޫއްޑޫގައި ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކޮށް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށްވެސް ހުރަސް އެޅުމާ ގުޅިގެން ސަރުކާރުން ވަނީ މަސްވެރިންނަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް އެއިރު ކޫއްޑޫ ފަޅުގައި އޮތް ހުރިހާ ދޯންޏެއްގެ ހުރިހާ މަހެއް ކިރުވައިފައެވެ. އޭގެފަހުން ވަނީ ކޮންޓްރޯލެއް ނެތި މަސްކިރުމުގެ އިންތިޒާމުތައް މިފްކޯއިން ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު