ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފިއެވެ.
މާލޭ ރައްޔިތުންނަށް ގޯއްޗާއި ފުލެޓް ހޯދައިދިނުމަށް ހައުސިން މިނިސްޓްރީން ބިންވެރިޔާ ސްކީމް ތައާރަފުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެ ސްކީމުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދުމުގެ މުއްދަތު ހަމަވާނެ ތާރީހެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވަނީ މިމަހުގެ 26 އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މުއްދަތު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ބުރާސްފަތި ދުވަހު އިސްލާހެއް ގެނެސްފިއެވެ. ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ އެހެންވެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ މީހުންނަށެވެ.
އެ މާއްދާއަށް ބުރާސްފަތި ދުވަހު ގެނައި އިސްލާހުގައިވާ ގޮތުން, "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރެޖިސްޓަރީގައި ޖެހިފައި ނުވާ މީހުންނަށް ކަމަށާއި ނަމަވެސް އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއް ކަމަށްވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅާފައިވާ ގަވާއިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރެޖިސްޓަރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި އެ މީހަކު ރަޖިސްޓަރީވެފައިވާ ނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައި ކަމަށެވެ.
ބިންވެރިޔާ ސްކީމަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ ސްކީމެކެވެ.
ބިންވެރިޔާ ސްކީމުގެ އިތުރުން މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށްޓަކައި "ގެދޮރުވެރިޔާ ސްކީމް"ގެ ނަމުގައި ވެސް ސަރުކާރުން ސްކީމެއް ކުރިއަށްގެންދެއެވެ. ގެދޮރުވެރިޔާ ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫން 22 އިން ފެށިގެން މިމަހުގެ 26ގެ ނިޔަލަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ އާއި ގުޅިފަޅުންނެވެ. އެ ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 3,750,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.