ޚަބަރު

މުއްޔާއި މަކުނުދޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ

މުހައްމަދު އިޝާން

3

މ. މުލި އާއި ހދ. މަކުނުދޫގައި ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދު އޮތް ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އަހަރީ ރިޕޯޓު ހުށަހަޅައިދެއްވަމުން ސިވިލް އެވިއޭޝަންގެ އެސިސްޓެންޑް ޑިރެކްޓަރު ހުސެއިން ނަޒީރު ވިދާޅުވީ ޓްރާންސްޕޯޓުން އެކުލަވާލައިފައިވާ "ނޭޝަނަލް ސްޕެޝަލް ޕްލޭން"ގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ފުރަތަމަ ސީޕްލޭންގެ ހިދުމަތް ފަށާނެ ރަށްތައްވެސް ކަނޑައަޅާފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

"މީހުން ދިރިއުޅޭ ރަށްތަކަށް ސީޕްލޭންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ސީޕްލޭންގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށްތައް ކަނޑައެޅުނު. އެއީ މުލި އަދި މަކުނުދޫ،" ނަޒީރު ވިދާޅުވިއެވެ.

ސީޕްލޭން ހިދުމަތް ގާއިމުކުރުމަށް ޕްލެޓްފޯމް ނުވަތަ އޮގްޒިލަރީ ހިދުމަތްތައް ގާއިމުކުރާނެ ސަރަހައްދުތައް ވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން "ނޭޝަނަލް ސްޕެޝަން ޕްލޭން"ގެ ދަށުން އެ މަސައްކަތް ކުރަނީ ކޮންމެ 30 ރޭޑިއަސްއެއްގައި ސީޕްލޭންގެ ހިދުމަތްތައް ގާއިމުކުރަން ކަމަށެވެ. އެއީ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ މުހިންމު ކަމަށްނުވާތީ ކަމަށް ނަޒީރު ވިދާޅުވިއެވެ.

"ނޭޝަނަލް ސްޕެޝަލް ޕްލޭން"ގައި ހިމަނާފައިވާ ގޮތަށް ދެކުނާއި އުތުރުގައި ފަސް ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޑޮމެސްޓިކް އެއާޕޯޓުތަކުން ދަތުރުފަތުރު ކުރުމުގެ ވަގުތު އަވަސްކުރުމަށް ވެސް އެ ޕްލޭނުގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނޭޝަނަލް ސްޕެޝަލް ޕްލޭނާ އެއްގޮތަށް ދަތުރުކުރާ އިރު، އިދާރީ ރަށްތަކުން 30 މިނިޓުން ދަތުރުކުރެވޭނެ މަސައްކަތުގެ އިންތިޒާމުގެ ދަށުން ހދ. މަކުނުދޫ އަދި މ. މުލި އެއާޕޯޓް މަސައްކަތް ނިމުމުން ފުރިހަމަވެގެންދާނެ،" ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ ރާއްޖޭގެ މެރިޓައިމް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހާއްސަކޮށްގެން ސިލަބަސް ތަމްރީނު ޕްރޮގްރާމެއް ތައްޔާރުކުރުމުގެ މަސައްކަތް، ބޭރު ބަޔަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް މިހާރަށްވުރެ ފަސޭހައިން ފުލައިޓުތަކުގައި އިންތިޒާމުތައް ހަމަޖައްސައިދިނުމަށްވެސް މަަސައްކަތް ކުރަމުންދާ ކަމަށެވެ.

ސިވިލް އެވިއޭޝަންގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ދިވެހިންނާއި ފަތުރުވެރިންނާ ދެމެދު ފުލައިޓު އަގުތައް އެއްވަރުކުރުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި މިދޔަ އަހަރު އެކުލަވާލި 48 ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން 38 އެއާލައިނެއް ރާއްޖެއަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ.

މިހާރު ކުރިއަށްދަނީ އިންޑަނޭޝިއާ، ކަޒަކަސްތާން، ސްޕެއިން އަދި ލަގްޒަމްބާގާ އެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކަމަށާއި އިންޑަނޭޝިއާ، ސްޕެއިން އަދި ކަޒަކަސްތާނާ އެކު މިއަހަރުގެ ސޮއި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.