ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހުޅުމާލެ ފްލެޓް 07-3-57، މުހައްމަދު ޒޫމާލް ޒަރީރަށް ކުރާ ދައުވާތަކަށް އޭނާ އިންކާރުކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ޒޫމާލްގެ މައްޗަށް ކުރަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދައުވާއަށް ޖަވާބުދާރީވުމެވެ.
މިއަދުގެ ޝަރީއަތުގައި ދައުވާއާ ގުޅޭ ގޮތުން ސުވާލުކުރުމަށް ދިން ފުރުސަތުގައި ދިފާއީ ވަކީލް ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ޒޫމާލްއަށް ދައުވާ ކުރެވޭނެތޯ ސުވާލުކޮށްފައެވެ. އެއީ ދައުލަތުން ޒޫމާލްއަށް ދައުވާކޮށްފައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށްވާތީއެވެ. އެއީ ހާއްސަ ގާނޫނެކެވެ.
ދިފާއުން ކުރި ސުވާލަށް ދައުލަތުން ސާފު ޖަވާބެއް ދީފައެއް ނުވެއެވެ. ދައުލަތުން ބުނެފައި ވަނީ، ޒޫމާލްއަށް ދައުވާކޮށްފައި ވަނީ ދައުވާގައި ހިމެނޭ އުންސުރުތައް ފުރިހަމަވާ ގާނޫނުން ކަމަށެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު، ސާފު ޖަވާބެއް ދެއްވަން ދައުލަތަށް އެންގެވިއެވެ. ނަމަވެސް ދައުލަތުން ބުނެފައި ވަނީ އެ ސުވާލަށް ޑައިރެކްޓް ޖަވާބެއް ދޭން ބޭނުންނުވާ ކަމަށާއި ދައުވާ މުރާޖާކުރަން އެދޭ ނަމަ އެކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.
ދިފާއުން ދެވަނަ ކަމެއްގެ ގޮތުގައި ސާފުކުރަން އެދުނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ އުފުލޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވާ އިރު، އެ ހާލަތްތަކުގެ ތެރެއިން ޒޫމާލްއަށް ދައުވާކޮށްފައިވަނީ ކޮން ހާލަތްތަކަކަށް ރިއާއަތްކޮށްފައި ކަމެވެ. އެއަށް ޖަވާބު ދެމުން ދައުލަތުން ބުނީީ، ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއަރުވަން މަސައްކަތް ކުރުމާއި އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭ ކަންކަން ކޮށްފައިވާތީ ކަމަށެވެ.
ދިފާއުން ސާފުކުރަން ހުރި ކަންކަން ސާފުކުރުމަށްފަހު ދިފާއުން ވަނީ ދައުވާއަށް އިންކާރުކޮށް، ދިފާއީ ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފައެވެ. ދިފާއުން ދައުވާއަށް އިންކާރު ކުރުމުން ގާޒީ ހަސަން ސައީދު ވަނީ ދައުލަތަށް ހުލާސާ ގޮތެއްގައި ހެކި ހުށަހަޅަން ފުރުސަތު ދެއްވައިފައެވެ.
ނަމަވެސް ދައުލަތުން ވަނީ، ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައެވެ. އެގޮތުން ސިއްރު ހެކީންގެ ބަޔާންތަކަކާއި ބައެއް ރިޕޯޓްތައް ސިއްރުކޮށްދޭން އެދިފައިވެއެވެ. އަދި ހެކި ހާމަކޮށްފި ނަމަ، ހެކިވެރިޔާއަށް ޖިސްމާނީ އަދި އިގުތިސޯދީ ގެއްލުންތަކެއް ލިބި، ހެކިބަސް ދިނުމަށް ފަސްޖެހޭ ގޮތް މެދުވެރިވެދާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ޓެރަރިޒަމްގެ އަމަލުތަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯވެސް ހެކީގެ ގޮތުގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ. އެހެންވެ، ދައުލަތުން އެދުނީ ޝަރީއަތުން ކަނޑައަޅާ އިންތިޒާމެއްގެ ދަށުން ދިފާއަށް ސިއްރު ހެކީންގެ މައުލޫމާތު ބެލޭނެ ގޮތެއް ހަމަޖައްސައިދުނުމަށެވެ.
ޝަރީއަތުން ވަނީ އެ މައްސަލައިގައި ދިފާއުން ހެކި ހުށަހަޅަން ތިން ދުވަހުގެ ފުރުސަތެއް ދީފައެވެ.
މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއި ހެކި ސިއްރުކުރުމުގެ އަމުރާމެދު ގޮތެއް ނިންމުމެވެ. އެ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:30 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު