ރާއްޖޭގެ އެންމެ ކާމިޔާބު އެއް އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު, ހާފް މެރެތަންގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި އިއްޔެ ކުރިއަށްދިޔަ "އޮސްލޯ މެރަތަން" ގެ ހާފު މެރަތަން ކެޓަގަރީގައި ވާދަކޮށް، ޝަމްހާ ގައުމީ ރެކޯޑު މުގުރާލީ އެއް ގަޑިއިރާ 27 މިނެޓް 51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސަމްހާ މުގުރާލީ ކުރިން މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގައި އޮތް ގައުމީ ހާފު މެރަތަން ރެކޯޑެވެ. މަރީ ހާފު މެރެތަންގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީގައި އޮތް ރަކަލް ހައިމާ ހާފު މެރެތަންގައެވެ. އޭރު މަރީގެ ޓައިމިން އަކީ އެއް ގަޑިއިރާ 30 މިނެޓް 46 ސިކުންތެވެ.

އުމުރުން 41 އަހަރުގެ ސަމްހާ ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑުވެސް މުގުރާލައިފައެވެ. ސަމްހާ އެ ރެކޯޑު މުގުރާލީ އޭނާ ދިރިއުޅެމުންދާ ޖަރުމަނުގެ ލެވަކޫސަންގައި އޮތް ރޭހެއްގައި ވާދަކޮށްގެންނެވެ. ސަމްހާ ފަސް ކިލޯމީޓަރުގެ ރެކޯޑު މުގުރާލި ރޭސް ނިންމީ 20 މިނެޓް އަށް ސިކުންތުންނެވެ. ސަމްހާ އެފަހަރު މުގުރާލީ މިއަހަރު ޔޫއޭއީގައި އޮތް އިވެންޓެއްގައި އަރަމުން އަންނަ ދުވުންތެރިޔާ، އާމިނަތު ޖާއިޝާ ޖުނީޒް ހަދާފައިވާ ރެކޯޑެކެވެ.

ސްޕްރިންޓް ދުވުންތެރިއެއްގެ ގޮތުގައި ކުރިން ވިދާލި ސަމްހާ، އޭނާގެ ދުވުން މިޑްލް އަދި ލޯންގް ޑިސްޓެންސަށް ބަދަލުކޮށް، އަނެއްކާވެސް އާ މިސްރާބަކަށް ޖެހީ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު) ގެ ކޯޗުކަމުގައެވެ. ސަމްހާގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއްވަނީ ކޯޗު ކަމަށް އޭނާ ކުރިންވެސް ފާހަގަކުރި އިރު، ކޯޗު ނަސްރުގެ ނަޒަރުގައި ސަމްހާއަކީ ނަމޫނާ އެތުލީޓެކެވެ.

"އަހަރެންގެ ނަޒަރުގައި ސަމްހާއަކީ އެންމެ ޑެޑިކޭޓެޑް އަދި އެންމެ ބުރަކޮށް މަސައްކަތް ކުރާ އެތުލީޓް. ކޮންމެ ދުވަހަކުވެސް ބަރާބަރަށް އަދާކުރާ ވަޒީފާގައި މަސައްކަތް ކޮށް، ދަރިންގެ ހުރިހާ ކަމެއް ބަލަހައްޓަމުންވެސް ކުރިއަށް ދަނީ ބުރަކޮށް ތަމްރީނުތަކުގައި. އެއީ މެންޓަލީ ވަރަށް ބޮޑަށް މީހާ ފޯކަސް ކުރަން ޖެހޭ ކަމެއް. އަހަރެން ގަބޫލުކުރާ ގޮތުގައި ސަމްހާއަކީ އަބަދުވެސް އެންމެ ރަނގަޅު މެންޓާލިޓީގައި ހުންނަ، މެންޓަލީ ވަރަށް ވަރުގަދަ އެތުލީޓެއް،" ދުވުންތެރިޔާ ނަސްރު ބުންޏެވެ.

ނަސްރުވެސް، ސަމްހާ ހާފު މެރަތަން ރެކޯޑު ހެދި ރޫޓުގައި މީގެ ކުރިން ދުވެ، ތަޖުރިބާކޮށްފައިވެއެވެ. އޭނާގެ ނަޒަރުގައި އެ ރޫޓުގައި ހާފު މެރަތަން ރެކޯޑު ހެދުމަކީ ޗެލެންޖިން ކަމެކެވެ.

"ސަމްހާއަކީ ދޭ އިރުޝާދުތަކަށް ބަރާބަރަށް އަމަލުކުރާ ނަމޫނާ އެތުލީޓެއް. ތަމްރީނުތަކަށް ދޭ އިރުޝާދަށް އެންމެ ބޮޑަށް އަމަލުކުރަން މަސައްކަތް ކުރާ އެތުލީޓް ސަމްހާއަކީ. އޭނާގެ ކާމިޔާބީތަކުން ރަމްޒުކޮށްދެނީ ބުރަ މަސައްކަތް. ހާފު މެރަތަން ރެކޯޑު ސަމްހާ ފުރިހަމަ ކުރީ ވަރަށް އުނދަގޫ، ޗެލެންޖިން ރޫޓެއްގައި. އަހަރެންވެސް އެ ރޫޓުގެ އުނދަގޫކަން ތަޖުރިބާކޮށްފިން. ސަމްހާގެ ޓައިމިންއަށް އަހަރެން ފަހުރުވެރިވޭ،" ނަސްރު ބުންޏެވެ.

ނަސްރު އިތުރަށް ބުނީ ސަމްހާގެ ކާމިޔާބީން އެހެން އެތުލީޓުންނަށް ދައްކަނީ ނަމޫނާ ކަމަށާއި ދެނީ ހިތްވަރު ކަމަށެވެ. ސަމްހާ ކަހަލަ އެތުލީޓަކު ޓްރެއިން ކުރަން ލިބުމަކީވެސް ނަސްރަށް އުފާވެރި ތަޖުރިބާއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަސްރުގެ އުންމީދަކީ ސަމްހާ، ރާއްޖޭގެ 1،500 މީޓަރާއި 10،000 މީޓަރު ރެކޯޑުގެ އިތުރުން ދެން ހުރި ހުރިހާ ރެކޯޑެއްވެސް މުގުރާލުމެވެ. އިއްޔެގެ ހާފު މެރަތަންގައި ސަމްހާ ވަނީ ފަސް ކިލޯ މީޓަރާއި 10 ކިލޯމީޓަރުގެ އިތުރުން 15 ކިލޯމީޓަރު އަދި 20 ކިލޯމީޓަރުގެ ރެކޯޑު ޓައިމިންނަށްވުރެވެސް ބާރު ދުވެލީގައި އެ ޑިސްޓެންސްތައް ހުރަސްކޮށްފައެވެ.