ކުރިމަގުގައި ކުރިމަތިވެދާނެ ހާދިސާއަކަށް ތައްޔާރުވުމަށް އެންމެންވެސް ފައިސާ ރައްކާކުރުމަކީ އާދައެކެވެ. ބޭންކުގައި އެކައުންޓް ހުޅުވައިގެންނާއި ގޭގައި ނަގުދު ފައިސާއާއި ވަކިލާރި އެއްކޮށްގެން ރައްކާކުރެއެވެ. އެކިއެކި ވިޔަފާރިތަކަށް އިންވެސްޓްކޮށް އެތަންތަނުގެ ސްޓޮކް މިލްކުކުރުމަކީ ފަހަށް ފައިސާ ރައްކާކުރާ ގޮތެކެވެ. އަދި ބޮންޑާއި ސުކޫކް ފަދަ ފައިނޭންޝަލް އިންސްޓްރުމެންޓްސް ގަނެގެންވެސް ފަހަށް ފައިސާ ރައްކާކުރެވިދާނެއެވެ.

ފަހަށް ފައިސާ ރައްކާކުރުމަކީ އިންޝުއަރަންސް މެދުވެރިކޮށްވެސް ކުރެވިދާނެ ކަމެކެވެ. ކޮންވެންޝަނަލް އިންޝުއަރަންސްގެ އިތުރުން އިސްލާމިކް އިންޝުއަރަންސް ނުވަތަ ތަކާފުލް މެދުވެރިކޮށްވެސް މިކަން ކުރެވިދާނެއެވެ. އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެލައިޑް އިންޝުއަރަންސުން ވަނީ ކޮންވެންޝަނަލް އަދި އިސްލާމިކް އިންޝުއަރަންސްގެ ތަފާތު ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ. އެއީ އެކިއެކި ސޭވިންގް ޕްލޭންސްތަކުގެ ގޮތުގައި އެކުލަވާލެވިފައިވާ ލައިފް އިންޝުއަރަންސް ޕްލޭންތަކެވެ.

އެލައިޑުން ރައްކާވެ ތިބިއްޔާގެ ނަމުގައި ކުރއަށްގެންދިޔަ ސީރީޒްގެ ތެރެއިން ކްލަބްހައުސްގައި ކުރިއަށްގެންދިޔަ ސެޝަންގައި އެލައިޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވި ގޮތުގައި އިންޝުއަރަންސް ނުވަތަ ތަކާފުލް މެދުވެރިކޮށް ފައިސާ ރައްކާކުރުމަކީ "ފަށާ ދަތުރެކެވެ".

އޭނާ ވިދާޅުވި ގޮތުގައި، ބޭންކެއްގައި މަހަކު 1,000 ރުފިޔާ ޖަމާކުރަމުންދާ ނަމަ 10 އަހަރު ނިމޭއިރު، 120,000 ރުފިޔާ އެއްވި ނަމަވެސް އިންޝުއަރަންސް ނުވަތަ ތަކާފުލް ޕްލޭނެއްގައި ނަމަ އެ އަދަދުގެ އިތުރުން ޕްލޭނުގައި ހިމެނޭ ރިސްކްތަކުން ރައްކާތެރިކަން ލިބޭނެއެވެ.

"ލައިފް ޕްލޭންސް މި ނަގަނީ މައިގަނޑު 3 ހާދިސާއެއް ދިމާވެދާނެތީ. އެއީ ނިޔާވުން، ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން ނުވަތަ ބޮޑު ބައްޔަކާ ހެދި ކުރަމުން އައި މަސައްކަތް ހުއްޓާލަންޖެހި އާމްދަނީ ލިބޭނެ ކޮޅު ބަންދުވުން. މި 3 ކަމަށް ރައްކާތެރިކަން ލިބޭނެ ސޭވިންގްއަކާއެކު. އިންޝުއަރަންސްގެ ޕްރީމިއަމް ނުވަތަ ތަކާފުލްގެ ކޮންޓްރިބިއުޝަން ދައްކަން ފަށާ ހިސާބުން ދަތުރު ފެށުނީ. ފުރަތަމަ އަހަރު ނުވަތަ ދެވަނަ އަހަރު ތެރޭގައިވެސް މިކަހަލަ ކަމެއް ދިމާވި ނަމަވެސް އެއްކަލަ 120,000 ރުފިޔާ އެ ދުވަހުން ލިބޭނެ. 10 އަހަރު މަޑުކުރާކަށް ނުޖެހޭނެ،"

ފިރުޝާން ވިދާޅުވީ ހާދިސާއެއް ދިމާނުވާ ނަމަ ރައްކާކުރަން އަމާޒުކުރި 120,000 ރުފިޔާ، އެއަށް ލިބުނު ފައިދާއާއެކު 10 އަހަރު ފަހުން ލިބޭނެ ކަމަށެވެ.

"ސޭވިންގްއަށް އިތުރު ބާރެއް މި ލިބެނީ. މި ދަތުރު ފެށުމާއި ދަތުރު މަތީ ދެމިހުރުން މުހިންމީ،" އޭނާ ވިދާޅުވިއެވެ.

އެލައިޑް އިންޝުއަރަންސް އަދި އަޔާދީ ތަކާފުލް މެދުވެރިކޮށް ފަހަށް ފައިސާ ރައްކާކުރެވޭ ގިނަ ޕްލޭނުތަކެއް ހުރެއެވެ. އޭގެ ތެރޭގައި 5 އަހަރުން ދަށުގެ ކުދިންގެ މަތީ ތައުލީމަށްޓަކައި ފައިސާ ރައްކާކުރުމަށް އެލައިޑްގެ ސެކަންޑްރީ ސްކޫލް އެކްސްޕެންސް ޕްލޭނާއި އަޔާދީގެ ޗައިލްޑް އެޑިއުކޭޝަން ޕްލޭން، ފަހަށް ފައިސާ ރައްކާކުރުމަށާއި ލައިފް އިންޝުއަރަންސްވެސް ހިމެނޭ ގޮތަށް އަޔާދީގެ އިންވެސްޓްމެންޓް ތަކާފުލް، ރައްކާކުރާ ފައިސާ އެކި މުއްދަތުން ނެގޭ ގޮތަށް އޮންނަ އެލައިޑްގެ ކޭޝްބެކް ޕްލޭން، އަދި ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ނިޔާވުމުން ސަބަބުން ބޭންކު ލޯނު ދެއްކުމުގެ ޒިންމާއާއި ބުރަ އާއިލާގެ އެހެން މީހަކު އުފުލަންޖެހުނަ ނުދިނުމަށްޓަކައި އެލައިޑްގެ މޯގޭޖް ޕްރޮޓެކްޝަން ޕްލޭން އަދި އަޔާދީގެ މޯގޭޖް ތަކާފުލް ފަދަ ޕްލޭންތަކާ ބެހޭ މައުލޫމާތު، އެލައިޑް އިންޝުއަރަންސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.