އެހެން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ބައެއް މެންބަރުން އެ ޕާޓީން ވަކިވާތީ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއާރްއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީގެ ބައެއް މެންބަރުން އެހެން ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވުމަށް ވަގުތީ ގޮތުން ވަކިވުމަކީ އެ ޕާޓީން ގަބޫލު ކުރާ އުސޫލެއް ނޫން ކަމަށެވެ.
އެހެންކަމުން އެގޮތަށް އަމަލު ނުކުރަން ޕާޓީގެ މެންބަރުންނަށް އެމްއާރްއެމުން ވަނީ އެދިފައެވެ. އަދި ސާބިތުކަމާއެކު އެ ޕާޓީއާ އެކު ތިބި މެންބަރުންނަށް އެމްއާރްއެމުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އެމްއާރްއެމުން އިތުރަށް ބުނީ، އެ ޕާޓީއަށް އިތުރު މެންބަރުން ގުޅުމަށް އެ ޕާޓީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
އެމްއާރްއެމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ. އެޕާޓީއަކީ ސަރުކާރު ކޯލިޝަންގެ އެއް ހިއްސާދާރުވެސް މެއެވެ.
އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާތީ، އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ވަނީ އެ ޕާޓީއަށް ނޯޓިސްވެސް ދީފައެވެ. ނަމަވެސް އީސީން ދިން ތިން މަހުގެ ނޯޓިސް ހަމަވުމުގެ ކުރިން އެޕާޓީން ވަނީ މެމްބަރުން ހަމަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު