އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިރޭ ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ ރާނީ އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ އާ ރަސްގެފާނު, ޗާލްސް 3 ވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ އާއިލާއަށް ތައުޒިޔާ ދަންނަވައި, އެ އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އަދި މި ދަތުރުފުޅުގައި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވައި، އެންމެ ފަހުގެ އިހްތިރާމް އަދާކުރައްވާނެ ކަމަށްވެސް ބުންޏެވެ.
ރާނީ އަވަހާރަވީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އަވަހާރަވި އިރު, އުމުރުފުޅަކީ 96 އަހަރެވެ. އެކަމަނާ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
ރައީސް އޮފީހުން ބުނީ, ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު