ހުސްވި ހަފުތާތެރޭގައި އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައަށްޓަކައި އުމްރާގެ އަޅުކަމެއް ފުރިހަމަކުރަން މައްކާއަށް ދިޔަ ކަމަށް ދައުވާކުރި ޔަމަނު މީހަކު ސައޫދީ އަރަބިޔާގެ ރަސްމީ ފަރާތްތަކުން ހައްޔަރުކޮށްފިއެވެ.

އެމީހާ މައްކާގެ ހަރަމްފުޅުގެ ތެރޭގައި ތަވާފުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާ ވަނީ މީސްމީޑިޔާގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި ލިޔެފައިވާ ފޮތިގަނޑެއް އޭނާގެ އަތުގައި އޮވެއެވެ. އޭގައި ލިޔެފައިވަނީ މިހެންނެވެ. މިއީ ރާނީ އެލިޒަބަތު ދެވަނައިގެ ފުރާނަފުޅަށް ރަހުމަތްލެއްވުން އެދިގެން ކުރާ އުމްރާއެކެވެ. ދުުއާއަކީ ސާލިހު އަޅުތަކުންނާއި އެކީގައި ރާނީ އެލިޒަބަތު ދެވަނަޔަށްވެސް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ.

އުމްރާޔާއި ހައްޖުގެ އަޅުކަން އަދާކުރާއިރު އެކިއެކި ޝިއާރުތައް ލިޔެގެން ދެއްކުމަކީ މަނާކަމެކެވެ. މަރުވެފައިތިބޭ މީހުންނަށްޓަކައި އުމްރާވުން ހުއްދައެވެ. އެކަމަކު މުސްލިމަކަށްވާނަމައެވެ. ރާނީއަކީ މުސްލިމެއް ނޫނެވެ. ރާނީއަކީ އިނގިރޭސި ފައްޅީގެ ވެރިޔާއެވެ. އެންގްލިކަން މަޒުހަބުގެ އެންމެ އިސް ރޫހީ ލީޑަރެވެ. އެހެންވީމާ މި ވީޑިއޯ ދައުރުވާން ފެށުމާއެކު މިމީހާ ހައްޔަރު ކުރުމަށް އެތައް ބަޔަކު ވަނީ ޓުވިޓަރގައި ގޮވާލައިފައެވެ.

ސާލިހު އަޅުތަކުންނާއެކު ރާނީއަށްވެސް ސުވަރުގެ ލިބުން އެދިގެން އެކަމަނާއަށްޓަކައި އުމްރާގެ އަޅުކަމެއް ފުރިހަމަކުރަން ދިޔަ ކަމަށް ދައުވާކުރާ ޔަމަނު މީހާ ހައްޔަރުކޮށް އޭނާގެ މައްޗަށް މިހާރު ވަނީ ދީނީ އެއްބައިވަންތަކަން ނަގާލުމާއި އުމްރާގެ އަޅުކަމުގެ ހުރުމަތް ކަނޑައިލުމާއި ގަވާއިދުތައް މުގުރައިލުމުގެ ދައުވާވެސް އުފުލައިފައެވެ. އެއީ ޔަމަނަށް ނިސްބަތްވާ މީހެއް ކަމާއި އޭނާ ހައްޔަރުކޮށްފީމޭ ބުނުން ފިޔަވައި އޭނާއާ ބެހޭ އެހެން މައުލޫމާތެއް ހާމައެއް ނުކުރެއެވެ.