ހެއްކާބެހޭ ގާނޫނުގައި ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު ހާމަކުރުން މަޖުބޫރުވާގޮތަށް އޮތް މާއްދާ އިސްލާހު ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑު ދިނުމަށް މިރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ މައްދާއާ ގުޅޭގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވާފައިވާނެ ކަމަށެވެ.

"މިކަމުގައި ހައްލެއްހޯދާ އެ ގާނޫނު އަލުން އިސްލާހު ކުރުމަށް އަޅުގަނޑު މި ހުރީ ނިންމައިގެން،" ރައީސް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މިހާރު ފުރިހަމަ މިނިވަންކަން އެބައޮތް ކަމަށާއި ސަރުކާރުން ނޫސްވެރިކަމަށް އަތްގަދަ ކުރާނެ ޖާގައެއް ނެތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޫސްވެރިންނަށް އެކަށީގެންވާ ވަރަށް ތަމްރީނު ޕްރޮގްރާމްތައް ނުހިންގާ ކަމަށާއި އެހެންކަމުން މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއިން އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަހިކޮށްދިނުމަށްޓަކައި ނޫސްވެރިކަަމަށް ހުރަހެއްގެ ގޮތުގައި އޮތް އަބުރު ރައްކާތެރިކުރުމުގެ ގާނޫނު އެ މަނިކުފާނުގެ ސަރުކާރުން އުވާލާފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ދެހާސް އަށާރަވަނަ އަހަރު ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން ރާއްޖެ ލިބުނު އިރު، އެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ނަތީޖާއަށްވީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީވީ ސްޓޭޝަންގައި ބަޔަކު އަލިފޯން ރޯކުރުން ކަމަށެވެ. އަދި އެއިރު ނޫސްވެރިންނަށް ވެސް އެކި ކަހަލަ ނުރައްކާތެރި ހާލަތުތައް ދިމާވި ކަމަށް ރައީސް ވިދާޅުވިއެވެ.

ހެއްކާބެހޭ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި ވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.