އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް ދެވަނަ އަކީ ބައިންއަގުވާމީ މައިދާނުގައި ހަމަމަކަމާއެކު ރާއްޖެއިން ބަސް ބުނުމުގެ ފުރުސަތު ދެއްވި ބޭކަނބަލެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ އަވަހާރަވުމާ ގުޅިގެން އެކަމުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ސޮއިކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ މި ތައުޒިޔާގެ ދަފްތަރުގައި ރައީސްގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީ އެލިޒަބަތު ދެ ދެ ވަނައިގެ ރަނިކަން ސިފަކުރައްވާފައި ވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ލާމަސީލު މިސާލެއްގެ ގޮތުގައެވެ. އަދި އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި ބައިނަލްއަގުވާމީ މައިދާނުގައި އެކަމަނާ ކުރެއްވި ހިދުމަތްތައް ކުރައްވާފައި ވަނީ ނުހަނު ސާބިތުކަމާ އެކު ކަމަށްވެސް އެބަޔާނުގައި ލިޔުއްވާފައިވެއެވެ.
އެ ބަޔާނުގައި ރައީސްގެ ދެކަނބަލުން އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހިން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިހުތިރާމާއެކު ކަމަށާއި ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތު ދެ ވަނައާ މުހާތަބްކޮށް "ރާނީ" އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ގަދަރަކުން ކަމަށެވެ.
"އެކަމަނާއަކީ ކޮމަންވެލްތް މެދުވެރިކޮށް ރާއްޖެ ފަދަ ކުދި ގައުމުތައް ބޭރު ދުނިޔޭގައި ހަމަހަމަކަމާއެކީ ބަސްބުނެ، ފައިތިލަ ސާބިތުކުރުމަށް ފުރުސަތު ދެއްވި ބޭކަނބަލެއް،" އެ ބަޔާނުގައި ރައީސްގެ ދެކަނބަލުން ލިޔުއްވާފައިވެއެވެ.
އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލްގައި މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާނީ އަވަހާރަވީ 70 އަހަރުގެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމަށްފަހު އުމުރުފުޅުން 96 އަހަރުގައެވެ. ރާނީ އަވަހާރަވުމުން އެކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް ތިންވަނަ މިހާރު ވަނީ ރަސްގެފާނަށް ވެވަޑައިގެންފަ އެވެ.
ރާނީ އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހް ވަނީ ހިތާމަ ފާޅުކުރުމަށް ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރައްވައިފައެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތަކީ ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. އިނގިރޭސި ރާނީގެ ޒައާމަތުގައި އެކަމަނާ ވަނީ ރާއްޖެއަށްވެސް ޒިޔާރަތް ކުރައްވައިފައެވެ. މީގެ 70 އަހަރު ކުރިން، އިނގިރޭސި ރަސްކަމުގެ ތަޚުތު އެލިޒަބަތު ދެވަނައަށް ލިބިވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ، 6 ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ.
ރާނީ އަވަހާރަވި އިރު، އެކަމަނާގެ 3 ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާއަށް ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން ތިއްބަވައެވެ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު