މ. މުލި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފަޔާ ބިލްޑިންގުގެ ޕްލާސްޓް އެޅުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.
މުލީ އެއާޕޯޓު މަޝްރޫއުގެ މަސައްކަތް ކުރއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން މިއަދު ބުނީ މުލީ އެއާޕޯޓުގެ ފަޔާ ބިލްޑިންގުގެ ޕްލާސްޓް އެޅުމުގެ 68 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ. އަދި ރަންވޭ ހިއްކުމުގެ މަސައްކަތުގެ 42 ޕަސެންޓުވެސް ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
އޭގެ އިތުރުން 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
މުލީގެ އިރުދެކުނު ފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމާއި އެއާ އިންވެގެން ބިމެއް ހިއްކައިގެން އެރަށުގައި އެއާޕޯޓެއް ހަދަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 28 ފެބްރުއަރީ 2021 ގައެވެ. މިއީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު