ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރުމުގެ ވާހަކަ އެފަދަ ފަރާތްތަކުން އެ މަނިކުފާނަށް އަބަދުވެސް ހުށަހަޅާ ކަމަށެވެ.

"މިހާރު ދަފްރަތެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެ ގެންދަނީ، އިރާދަކުރެއްވިއްޔާ އެ ނިމުމާއެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އެލަވަންސް މުރާޖައާ ކުރުމުގެ މަޝްވަރާތައް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މީގެ ކުރިން ކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މިހާރު ދެނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. އެ އެލަވަންސް 5،000 ރުފިޔާއަށް ބޮޑުކުރުމަށް ރައީސް ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންތަކެއް މީގެ ކުރިން މަސައްކަތްކުރިއެވެ.