ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލި ހައުސިން ގްރާންޓް ލިބޭ ތިން އާއިލާ ހޮވައިފިއެވެ.

މި އެހީއަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ކުރީކޮޅު އިއުލާން ކުރި އެހީއެކެވެ. މި އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅުމަށް ގެ އަޅައިދީ ފަރުނީޗަރު ހޯދައިދޭއިރު، އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ.

ހައުސިން ގްރާންޓް ލިބޭ ފަރާތްތަކަކީ:

  • 1. ށ. ފުނަދޫ/ ސުކޫން (ޕްރޮޕޯސަލް ހުށަހެޅި ފަރާތް: ޔުނިޓީ ސްޕޯޓްސް އެކަޑަމީ)
  • 2. ނ. ވެލިދޫ/ އިޝާ (ޕްރޮޕޯސަލް ހުށަހެޅި ފަރާތް: ވެލިދޫ ފިއުޗާ ފައުންޑޭޝަން)
  • 3. އދ. މާމިގިލި/ ސަންހިޔާ، (ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތް: ފެލްކޮން ޔޫތު އެންޑް ރެކްރިއޭޝަން)

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ ހައުސިން ގްރާންޓް ފަދަ ޕްރޮޖެކްޓްތަކުގެ އެހީގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސިޔާސަތުގެ ބޮޑު އަމާޒެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މުޖުތަމައުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި ހައުސިން ޕްރޮޖެކްޓްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް އައުން." ނޫރައްދީން ވިދާޅުވިއެވެ.