އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރުވުމާ ގުޅިގެން، ތައުޒިޔާ ކިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ވަގުތު ކޮޅުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވިއިރު، ރާނީއާ ބައްދަލުކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި، ރާނީ ދެއްކެވި ވާހަކަފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހާ މިއަދު ހިއްސާ ކުރައްވައިފިއެވެ.

މަޖިލިސް ރައިސް ވިދާޅުވީ، އަށެއް އޭޕްރީލް 2009 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުއީންގެ ދައުވަތަކަށް ވިންސާ ކާސަލްގައި އެއްރޭ ހޭދަ ކުރެއްވުމުގެ ނަސީބު ލިބިވަޑައިގެންނެވި ކަމަށެވެ.

"އެރޭ އަޅުގަނޑަށް ކުއީން ދައްކަވައި ދެއްވި، ކުއީންގެ އަތްޕުޅުގައި ރާއްޖެއާ ގުޅޭގޮތުން ހުރި ބައެއް ލިޔުންތަކާއި އަދި ބައެއް ބޭފުޅުން ދެއްވާފައިވާ ހަދިޔާ، ކުއީންގެ ހަނދުމަފުޅުގައި ހުރި އެއްވާހަކައެއް އަޅުގަނޑު ގާތުގައި ވިދާޅުވި، އެއީ ރާއްޖެ އަންނަން އުޅުއްވަނިކޮށް ކަނޑުވެގެންދިޔަ މަސްދޯންޏެއްގެ ބަޔަކު މަނަވަރާ ދިމާވެގެން އެމީހުން ނަގައިގެން އެމީހުންގެ ރަށަށް އެމީހުން ގެންދިއުމުގެ އުފާ ކުއީނަށް ލިބިވަޑައިގެންނެވިވާހަކަ، ދެން އެއްސެވި އެމީހުން ކޮބައިހޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އޭގެ ކުރިން އެ މީހުންނާ ފޭދޫން ބައްދަލުވެފައިވާތީ، އެ މީހުން ހެޔޮ ހާލުގައި ތިއްބެވިކަން ރާނީއަށް ދެންނެވި ކަމަށެވެ. އޭގެ އިތުރުން 13 މާޗް 1972 ގައި ރާނީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި އެ ކަމަނާގެ ކާރުކޮޅު ދުއްވި ޑްރައިވަރަށް ދެއްވި ޓަޔަރުގެ ވާހަކަވެސް ދެއްކެވި ކަމަށް މަޖިލިސް ވިދާޅުވިއެވެ.

"ކުއީންގެ ކާރު ދުއްވި ކާރު ޑްރައިވަރު ގާތުގައި، ކޮށްދެވޭނީ ކޮންކަމެއްތޯ އެހުމުން އޭނާ ބުންޏޭ ޓަޔަރެކޭ ބޭނުމީ، ދެން ކުއީން ވިދާޅުވި ޓަރަޔަރެއް އޭނާއަށް ފޮނުއްވެވި ވާހަކަ،"

މާލޭގައި މަގަތު ފާލަމެއް ހެދި ނަމަވެސް، ފެންޑަރެއް ނެތިގެން ރާނީ ރާއްޖެއަށް ދެވި ބަނޑާއި ޓަގު ކައިރި ނުކުރެވިގެން ހިނގައިދިޔަ ހާދިސާގެ މައުލޫމާތުވެސް ރާނީ އެމަނިކުފާނަށް ދެއްވި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އަދި ވިދާޅުވި އެހެން ޓަޔަރެއްގެ ވާހަކަ، އެއީ މަގަތު ފާލަން ހެދުމަށް، އެއީ ކުއީން ދެއްވި ބަނޑެއް އަދި ޓަގެއް އަދި ސޭލާއެއް މިތަކެތި ދެއްވުމަށްފަހުގައި ވިދާޅުވި އެއެއްޗެއްސެއް ގާތެއް ނުކުރެވުނޭ، އެއީ ޓަޔަރެއް ނެތޭ (އޭރު ރާއްޖޭގެ) ބޮޑުވަޒީރު ނާސިރު ވިދާޅުވިއޭ، ފެންޑަރެއް ނެތޭ، މިއޮއް ބޮޑު ޕްރޮޖެކްޓް ނިއްމިއިރުގައި މިކަން ބޭނުން ކުރެވޭކަށެއް ނެތޭ، ފެންޑަރެއްނެތޭ، ދެން ކުއީން ވިދާޅުވި އިބްރާހިމް ނާސިރަކީ ޕްރޮޖެކްޓް ނިމުމުގެ ކުރީގައި ޑީޓެއިލަށް ބައްލަވަމުންދިޔަ ބޮޑުވަޒީރެއް ކަމަށް،"

އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ އޮތް ޒަމާންވީ ގުޅުން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާ ދެމެދު ޒަމާންވީ ގުޅުންތައް އުފެދުނީ ސަތާރަސަތޭގައިގެ އަހަރުތަކުގައި އެތެރަވަރިއަށް އިނގިރޭސި ނޭވީގެ ބާރު ފޯރަން ފެށީއްސުރެ ކަމަށެވެ.

އެގޮތުން އިނގިރޭސި ވެރިއަކާ ފުރަތަމަ ބައްދަލުކުރެއްވި ރާއްޖޭގެ ބޮޑު ވަޒީރުގެ ގޮތުގައި ފާހަގަވަނީ އަތިރީގެ ދޮން އަހައްމައިދީދީ ދޮށިމޭނާ ކިލެގެފޭނު ކަމަށާއި އެއީ ސަތާރަ ސަތޭކައިގެ އަހަރު ތަކުގައި ކަމަށާއި އެއަށްފަހު ރާއްޖޭގެ ކޮންމެ ބޮޑުވަޒީރަކުވެސް އަދި ކޮންމެ ރަދުންނެއްވެސް އެއިރު ކޮޅުނބުގައި ހުރި އިނގިރޭސި ގަވަރުނަރާ ދާއިމީކޮށް ބައްދަލު ކުރައްވަމުން ގެންދެވި ކަމަށް ވިދާޅުވިއެވެ.