ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ދިވެހި ދައުލަތުން ވަކިވެ ވަކި ދައުލަތެއް ހެދުމަށް ރާއްޖޭގެ ދެކުނުގެ ތިން އަތޮޅުގައި، ހިންގި ވަކިވެގަތުމުގެ ހަރަކާތް ނިމުމަކަށް ގެނެސްދިނުމުގެ އެންމެބޮޑު އެއް ބާރުވެރިޔަކީ އިނގެރޭސި ދައުލަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، އިނގެރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރުވުމާ ގުޅިގެން ތައުޒިޔާ ކިޔުމަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ، ރާނީ އެލިޒަބަތުގެ ރަނި ކަމުގައި ރާއްޖެ އާއި އެތެރެވަރީގެ ގިނަ ގައުމުތައް އިސްތިއުމާރުގެ ކަސްތޮޅުތަކުން މިނިވަންވެގެން ދިއުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. އޭގެފަހުން ކޮމަންވެލްތު ގާއިމުވެ ކޮމަންވެލްތާއި އިނގިރޭސި ދައުލަތުން އެ ގައުމުތަކަށް، ހާއްސަކޮށް ރާއްޖެއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.

"އެގޮތުން ގަވާމަންޓް ހޮސްޕިޓަލް، ރާއްޖޭގެ ސިއްހީ ދައިރާ ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއްގައި ގާއިމު ކުރެވިގެން ދިޔައީ އިނގިރޭސި ދައުލަތުގެ އެހީތެރިކަމާއެކު، އަދި ގޯލްޑަންރޭގައި ސީ އެމްބިއުލާންސެއްގެ ހިދުމަތް ފޯރުކޮށްދެވިގެންދިޔައީ އެ އެހީތެރިކަމުގެ ދަށުން،"

އަސްލަމް ވިދާޅުވީ، ރާއްޖޭގެ ރަދުން ރާނީ ވިކްޓޯރިއާއަށް ފޮނުއްވި ސިޓީފުޅެއްގައި އެދިވަޑަިގެން ގޮތަށް އިނގެރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިން ދިޔައީ، 1887 ވަނަ އަހަރު ކަމަށާއި، އެ ހިމާޔަތުގެ ސަބަބުން ދެ ދައުލަތަށްވެސް ފައިދާތަކެއް ވެގެންދިޔަ ކަމަށެވެ. އެގޮތުން ދެ ބޮޑު ހަނގުރާމައިގައި ވެސް އެހެން ގައުމެއްގެ ހިމާޔަތަށް، އަދި އެހެން ގައުމެއްގެ ދަށަށް ރާއްޖެ ނުގޮސް އޮތީ އިނގެރޭސީންގެ ހިމާޔަތުގައި އޮތުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަމަ އެއާއެކު ދެވަނަ ބޮޑުހަނގުރާމައިގައި ހއ، ކެލާގަ އާއި އައްޑުއަތޮޅު ގަމުގައި ޕޯސްޓެއް ހަދައިގެން އިނގެރޭސީން ތިބުމުގެ ސަބަބުން، ނާޒީންނާ ދެކޮޅަށް ހަނގުރާމަކުރި ގުޅިފައިވާ ލަޝްކަރަށް، އެ އިއްތިހާދަށް އިންޑިއާ ކަނޑު ފަތަހަ ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދިޔަކަމަށްވެސް ވިދާޅުވިއެވެ.

އިނގެރޭސީންގެ ހިމާޔަތުގައި ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ބަދަލެއްކަމުގައި އަސްލަމް ފާހަގަ ކުރެއްވީ ދިވެހިންނަށް ފުރަތަމަ ގާނޫނުއަސާސީ ލިބިގެން ދިއުމެވެ.

"ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ބަދަލެއްކަމުގައި ފާހަގަވެގެންދަނީ ވިރާސީ ރަސްކަމެއް، ބޯދާކަންމަތީގައި އޮތް ދުވަސްވަރެއްގައި ގާނޫނުއަސާސީއެއް އުފަންވެގެންދިއުން، 1932 ވަނަ އަހަރުގައި، ދެބަސް ނުވެވޭނެ ހަގީގަތަކީ އިނގެރޭސި ދައުލަތުގެ އިންތިހާއަށް އެހީތެރިކަމާއި، އަދި ބައެއް ދިރާސާތަކުން ދައްކާގޮތުން ނުފޫޒާވެސް އެކުގައި އަޅުގަނޑުމެންނަށް ގާނޫނުއަސާސީއެއް އުފަންވެ ގާނޫނުއަސާސީއެއް ލިބިގެންދިޔައީ، މި ދެންނެވި ގާނޫނުއަސާސީ އުފަވެގެންދިޔަ ދިއުމަކީ ރާއްޖޭގެ ހިންގުމަށް އައި އެންމެ ބޮޑު އެއްބަދަލު،"

އަސްލަމް ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދެކުނުގެ ތިން އަތޮޅުގައި ހިނގައިދިޔަ ވަކިވެގަތުމުގެ ހަރަކާތަށް ނިމުމެއް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް ބާރުވެރިޔަކަށް އިނގެރޭސި ދައުލަތް ވާކަން ފާހަގަކުރައްވާ ކަމަށެވެ. އަދި އެއް ދިދައެއްގެ ދަށުގައި އެއްބައިވަންތަކަމާއެކު އެކުއެކީގައި އަޅުގަނޑުމެން އެންމެން އުޅުމުގެ ޖާގަ މިއަދު ލިބިފައިމިވަނީ އެ ބަޣާވާތަށް، ނުވަތަ އެ ވަކިވެގަތުމަށް ނިމުން އައުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.