ރާއްޖޭގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އިގުތިސޯދީ ގޮތުން އަންހެނުން ބާރުވެރިކުރުމުގެ ގޮތުން، އަންހެނުންނަށް ހުރި ވިޔަފާރި ފުރުސަތުތައް ފަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި މިހާރު ކުރިއަށްދާ ވިއަވަތި ރާއްޖެ ތިންވަނަ ކޮންފަރެންސްގެ ތެރެއިން މިންތީގެ ހަމަހަމަކަމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ޕެނެލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރާ ކަންތައްތަކުގެ ބޭނުން ނަހަމަ ގޮތުގައި ބައެއް ފަރާތްތަކުން ހިފަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް އަންހެނުންނަށް ހާއްސަކޮށްގެން ދޫކުރާ ލޯނުގެ ކޯޓާގެ ދަށުން އަންހެނެއް ނަމުގައި ވަރަށް ގިނަ ފަހަރު ފިރިހެނުން ލޯނު ނަގާ ކަމަށާއި ފަހުވަގުތު ލޯނުދެއްކުމުގެ ތަކުލީފު އުފުލަން ޖެހެނީ އެ އަންހެން މީހާއަށް ކަމަށް ވިދާޅުވިއެވެ. އަދި އެ ފަދަ ކަންތައްތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އިގުތިސޯދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި އަންހެނުންނަށް ވިޔަފާރީގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ހޯދުމުންދާ ކަމަށެވެ. އެގޮތުން ރަށްރަށުގެ ޑަބްލިއުޑީސީ ކޮމެޓީތަކާ ގުޅިގެން އެ މައުލޫމާތުތައް ހޯދުމަށްފަހު، އަންނަ މަހުގެ ތެރޭގައި ރަށްރަށުގައި ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ހުރިހާ ރީޖަންތަކެއްގައި އެބަ ފަށަން ޕްރޮގްރާމްތަކެއް. ކޮންމެ ރަށެއްގައި ޑަބްލިއުޑީސީ އާއި ކައުންސިލްތަކާ ގުޅިގެން އަންހެނުންނަށް ހުރި ފުރުސަތުތައް ބަލައި އެކަމުގައި ފެށުނީއްސުރެ ކާމިޔާބުވަންދެން ސަރުކާރުގެ ރޯލަކީ ކޮބައިތޯ ބަލައިގެން އެކަން ކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އަންހެނުންނަށް ހުރި އިގުތިސޯދީ ފުރުސަތުތައް އިތުރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ އިތުރު ތަފުސީލުތައް ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެސްޑީއެފްސީ މެދުވެރިކޮށް އަންހެނުން ހިންގާ ވިޔަފާރިތަކަށް 280 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އަދި ސަރުކާރުން ރަށްރަށުގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ އެކުވެސް ވިޔަފާރިގެ ފުރުސަތުތައް ފަހިވެގެންދާ ކަމަށާއި އާރުޓީއެލް ފެރީ ނިޒާމާއެކުވެސް ރަށްރަށުގެ އިގުތިސޯދުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.