ލާމަރުކަޒީ ނިޒާމު އިތުރަށް ފުޅާކޮށް ތަރައްގީކުރުމުކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ކުރެއްވުމުގެ ސްޓައިލް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި މިހާރު ކުރިއަށްދާ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ފައްކާކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ވެރިކަން ހިނގަންޖެހޭނެ ކަމަށް ރައީސް އީމާންވެ ވަޑައިގަންނަވާ ގޮތް ކަމަށެވެ.

"އެއީ އެ މަނިކުފާނުގެ ޕެޝަން، އެ މަނިކުފާނު ވެރިކަން ކުރެއްވުމުގެ ވައްޓަފާޅިއާއި ސްޓައިލް. ކޮންމެ ދުވަހަކު އަމަލީ ގޮތުން ދައްކަވަމުން، ތަޖުރިބާ ކުރައްވަމުން ގެންދަވާ ހަގީގަތް،" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ވިއަވަތި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ނިންމާ ނިންމުންތަކަށް ރައީސް އަމަލުކުރެއްވުމަކީ އެކަމުގެ އެންމެ ބޮޑު ހަގީގަތް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ދައުރު ނިމުނުކަމުގައި ވީ ނަމަވެސް އެ މަނިކުފާނު ގެނެސްދެއްވާފައިވާ ލާމަކުރަކަޒީ ތަރައްގީ އިންޗިއަކަށްވެސް ފަހަތައް ޖައްސާލުމުގެ ފުރުސަތު އެއްވެސް މީހަކަށް ދެވިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ގައުމެއް ތަނަވަސްވި ކަމަށް ވާނީ އެ ގައުމުގެ ހުރިހާ ރައްޔިތުން ތަނަވަސް ވުމުން ކަމަށާއި ރާއްޖެ ތަރައްގީ ވާނީ ރާއްޖޭގެ ހުރިހާ ރަށެއް އެއްވަރަކަށް ތަރައްގީ ވެގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމުުކުރެވިގެން ކަމަށާއި އެފަދަ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރަން ކުރަން އޮތް ކަމަކީ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަދަ ކޮންފަރެންސް ތަކުގައި އެކަންތައްތަކަށް އެންމެ އެކަށޭނެ ގޮތަށް މަޝްވަރާ ކޮށްގެން ކަމަށް ވިދާޅުވިއެވެ.

"ޝައްކެތް ނެތް، ހެޔޮ ވެރިކަމެއްގައި ހުންނަންޖެހޭ އެންމެ މާތް، އެންމެ މަތިވެރި އެންމެ ވިދާ ބަބުޅާ ސިފައަކީ ފުރިހަމަ ސިފައިގައި އެންމެ އެކީގައި މަޝްވަރާކުރުން،" އިމްރާން ވިދާޅުވިއެވެ.