ލ. ގަމުން، މުހައްމަދު ޖަމްޝަތް ވަހީދު

ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ހާއްސަ ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި އެވެ.

މިއަދު ހަވީރު، ލ. ގަން، ޒޯން ސްޓޭޑިއަމްގައާއި އެރަށުގެ ގޮނޑުދޮށް ސަރަހައްދުގައި ބޭއްވި އެ ފެސްޓިވަލް ފައްޓަވައި ދެއްވައި، ކުޅިވަރު ހަރަކާތްތަކުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން މި ކުޅިވަރު ހަރަކާތްތަކުގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި އެލްޖީއޭގެ މެމްބަރުންނާއި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓްޓިއުޓް (އައިއާރްއައި)ގެ އޮފިޝަލުންނާއި ޔޫއެންޑީޕީގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ ދާއިރާތަކުގެ ފަންނީ މާހިރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި މަންދޫބުން ބައިވެރިވިއެވެ.

ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ކުރިއަށްދިޔަ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ބީޗް ވޮލީއާއި ދުވުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފަހަރުގެ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވަނީ ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނެވެ. ކޮންފަރެންސްގެ ސެޝަންތައް ހަތަރު ތީމަކަށް ކުރިޔަން ގެންދާއިރު، ކައުންސިލްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސްއާއި ސަރުކާރުގެ އިސްބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ފުރުސަތު ލިބިގެންދާނެއެވެ.