ހިޔުމަން ޑިވެލޮޕްމެންޓް އިންޑެކްސް ނުވަތަ އިންސާނީ ތަރައްގީގެ މިންގަނޑުތަކުން ރާއްޖެ މިދިޔަ އަހަރަށް ވުރެ ހަތް ދަރަޖަ ކުރިއަށް ޖެހިފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ބުނެފިއެވެ.
ޔޫއެންޑީޕީން ކޮންމެ އަހަރަކު ނެރޭ ހިޔުމަން ޑިވެލޮޕްމެންޓް އިންޑެކްސް ރިޕޯޓުގެ މިއަހަރުގެ އަދަދުގައި ރާއްޖެ އޮތީ 90 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ އިންސާނީ ތަރައްގީގެ މިންގަނޑުން ބަލާއިރު 97 ވަނައިގައެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅައި ބަލާއިރު، މިއަހަރު ރާއްޖެއަށް ވަނީ އިންސާނީ ތަރައްގީގެ މިންގަނޑުން ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ.
ޔޫއެންޑީޕީން ބުނީ، 2018 ވަނަ އަހަރު އިންސާނީ ތަރައްގީގެ މިންގަނޑުން ރާއްޖެ އޮތީ 104 ވަނައިގައި ކަމަށެވެ. 2019 ވަނަ އަހަރު 95 ވަނައިގައި އޮތްއިރު 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސޯދު ދަށްވެ، ރާއްޖެ އޮތީ 97 ވަނައިގައެވެ.
އިންސާނީ ތަރައްގީގެ މިންގަނޑުން ރާއްޖެ 90 ވަނައަށް އެރުމުން ރާއްޖެއަކީ ހައި ޑިވެލޮޕްމެންޓް ކެޓަގަރީގައި ހިމެނޭ ގައުމެއްގެ ގޮތުގައި ބަލާނެ ކަމަށް ޔޫއެންޑީޕީން ބުންޏެވެ.
ދެކުނު އޭޝިއާ ސަރަހައްދުން އެ ކެޓަގަރީގައި ދެން ހިމެނެނީ ރާއްޖެއަށް ވުރެ މަތީގައި 73 ވަނައިގައި އޮތް ސްރީލަންކާއެވެ. އެހެން ގައުމުތައް ހިމެނުނީ ލޯ ޑިވެލޮޕްމެންޓް ކެޓަގަރީގައެވެ.
އިންސާނީ ތަރައްގީގެ މިންގަނޑުތަކުން ގައުމުތައް ކުރިއަރާވަރު ވަޒަން ކުރާނީ ތިން ކަމަކަށް ބަލައިގެންނެވެ. ދުޅަހެޔޮ ސިއްހަތެއް ލިބުމުގެ ފުރުސަތު އޮންނަ ވަރާއި އުގެނުމުގެ ފުރުސަތު އޮންނަ ވަރު އަދި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮންނަ މިންވަރެވެ.
ވަރާސަތޭކަ ނުވަދިހަ ފަސްވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ރާއްޖޭން އިންސާނީ ތަރައްގީގެ މިންގަނޑުން 28.4 ޕަސެންޓްގެ ކުރި އެރުމެއް ހޯދައިފައެވެ.